17 އޯގަސްޓް 2016 - 11:12

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 17) - ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ގަދަ ހަތަރު ޓީމަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގަދޭ ގޮތަށް މުބާރާތުގެ ފޯމެޓް ބަދަލުކުރުމަށް ޔޫއޭފާ އިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގުތައް ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގާއި ޖަރުމަން ބުންޑަސްލީގާ އަދި އިޓާލިއަން ސެރިއާއިން މިހާރު ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް ލިބެނީ ލީގު ޗެމްޕިއަނާއި ދެ ވަނަ އަށްދާ ޓީމަށެވެ. އަދި ބައެއް ލީގުތަކުގައި ތިން ވަނަ ޓީމަށް ވެސް ސީދާ ޖާގައެއް ލިބެ އެވެ. އެހެން ނަމަވެސް ހަތަރު ވަނަ ޓީމު ޖެހެނީ ކޮލިފައިން ކުޅޭށެވެ.
ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ސުޕަ ލީގެއް ތައާރަފްކުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުވަން ޔޫއޭފާ އިން އަންނަނީ އެ އިދާރާއިން ބާއްވަމުން އަންނަަ ކްލަބް ފެންވަރުގެ ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފޯމެއްޓަށް ގިނަ ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރަމުންނެވެ.
ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) މެދުވެރިކޮށް ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވާ އުސޫލަށް ބަދަލު ގެންނަން ތަފާތު ހިޔާލުތައް ހުށަހަޅައިފަ އެވެ.
މި ހިޔާލުތަކާ ގުޅޭގޮތުން އީސީއޭ އިން އަންނަ މަހު 5-6 ވަނަ ދުވަހު އޮންނަ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި މަޝްވަރާ ކުރުމަށް ފަހު ގެންނަން ފެންނަ ބަދަލުތައް ހިމެނޭ ގޮތަށް ޔޫއޭފާ އަށް ޕްރޮޕޯސަލެއް ހުށަހަޅާނެ އެވެ. ޔޫއޭފާ އިން މި ކަމާ މެދު ގޮތެއް ނިންމާނީ އަންނަ މަހު 14-15 ވަނަ ދުވަހު ގްރީސްގެ އެތަންސްގައި އޮންނަ ޔޫއޭފާގެ އެކްސްޓްރާ އޯޑިނަރީ ކޮމިޓީގަ އެވެ.