03 ޑިސެމްބަރ 2018 - 12:23

ކޮލަމްބޯ (ޑިސެމްބަރު 3) - ސްރީ ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދެން އޮތީ އާއްމު އިންތިޚާބެއް ބާއްވައިގެން ކަމަށް ކުރީގެ ރައީސް އަދި ބޮޑު ވަޒީރު ކަމަށް ދާދި ފަހުން ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރުގެ އޮފީހުން އިއްޔެ ނެރުނު ދިގު ބަޔާނެއްގައި ރާޖަޕަކްސާ ވިދާޅުވީ ހަގީގީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެއީ ޕާލަމެންޓަށް އޮތް ބާރެއް ނޫން ކަމަށެވެ. ގާނޫނު އަސާސީން ރައީސް އަށް ދީފައިވާ ބާރުތައް ތަފްސީލްކޮށްދެއްވަމުން ރާޖަޕަކްސާ ވިދާޅުވީ ނޮވެމްބަރު 9 ވަނަ ދުވަހު ޕާލަމެންޓް އުވާލައި އާ އިންތިޚާބެއް ބޭއްވުމަށް ރައީސް ސިރިސޭނާ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް ކުރިއަށްދާން ޖެހޭ ކަމަށެވެ. ސިރިސޭނާގެ ނިންމެވުމުގައިވާ ގޮތުން އާއްމު އިންތިޚާބު އޮންނާނީ އަންނަ މަހު 5 ވަނަ ދުވަހު އެވެ.
"ކަންތައްތައް އެގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ގައުމުގައި ހަމަޖެހުން ގާއިމް ކުރެވޭނެ،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ރާޖަޕަކްސާ ވިދާޅުވީ އިދިކޮޅު ޔޫއެންޕީން ދަނީ ރައްޔިތުންނަށް އޮޅުވާލަން ބަޔާންތައް ދެމުން ކަމަށެވެ.
ލަންކާގެ ސިޔާސީ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ރައީސް ސިރިސޭނާ އަންނަ ބުދަ ދުވަހު ގޮތެއް ނިންމަވާނެ އެވެ.