03 ޑިސެމްބަރ 2018 - 12:40

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން މިހާރު އެ ޕާޓީގެ އެންމެ އިސް ވެރިޔަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަމަވެސް، ޕާޓީގައި އިސް ރޯލެއް ކުޅުއްވާ ތަން އަދިވެސް ފެންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެންމެ ފަހުން ބޭއްވި އަދި ވެރިކަން ކުރާ ކޯލިޝަންގެ އެތެރޭގައި މައްސަލަތަކެއް އުފެދޭނެ ނިންމުމެއް ނިންމި އެމްޑީޕީގެ ގައުމީ ޖަލްސާގައި ވެސް އިސްކޮށް އިންނެވީ ނަޝީދެވެ. އަދި ކޯލިޝަންގެ ބައެއް ޕާޓީތަކާ އެކު އެމްޑީޕީން ކޮށްފައިވާ އެއްބަސްވުމާ ހިލާފަށް، ރައްޔިތުންގެ މަޖިލިހުގެ 87 ދާއިރާ އަށް ވާދަކުރަން ނިންމީ ވެސް، ނަޝީދުގެ ހުށައެޅުއްވުމަކަށެވެ.
އެމްޑީޕީން އަބަދުވެސް ބުނަމުން އަންނަނީ އަދި އެ ޕާޓީގެ އެންމެ އާދައިގެ މެމްބަރުން ފެށިގެން އެންމެ އިސް މެމްބަރުންގެ ވެސް ދައުވާ އަކީ، އެއީ އެތެރޭގެ ޑިމޮކްރަސީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމެވެ. އެމްޑީޕީން އަސާސީ ގަވާއިދާ އެއްގޮތަށް ނޫނީ އަމަލް ނުކުރާނެކަމުގެ ޔަގީންކަން ވެސް ދެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެ ޕާޓީ އަށް ނިސްބަތްވާ މީހަކު ހުރެއްޖެ ނަމަ "ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާ" އެވެ.
އެކަމަކު އެމްޑީޕީ "އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ،" އަސާސީ ގަވާއިދުގެ ހަ ވަނަ ބާބުގެ ހ. ގައި ބަޔާންކޮށްފައިވެ އެވެ.
މިއިން އެނގެނީ މިހާރުގެ ހާލަތު އޮތް ގޮތުން އެމްޑީޕީގެ ރައީސް ނަޝީދަށް ވުރެ ޕާޓީގެ ހުރިހާ ކަމެއްގައި ވެސް މިހާރު އެންމެ އިސް ވެރިޔަކީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް މި އިސްލާހު ގެނައީ ނަޝީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 2009 ގަ އެވެ.
އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ގިނަ ބާރުތަކެއް ލިބިވަޑައިގަނެ އެވެ. އެގޮތުން ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމެޓީ އާއި ޕާލަމެންޓްރީ ގުރޫޕުގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒު ކުރުމުގެ ބާރު ވެސް މިހާރު އޮތީ އެމަނިކުފާނުގެ އަތްޕުޅުގަ އެވެ.
އެކަމަކު އެމްޑީޕީގެ އެއްވެސް ކަމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ތަނެއް އަދި ނުފެނެ އެވެ. ކޯލިޝަނަށް ބުރޫއަރާނެ ފަދަ ނިންމުމެއް ނިންމި ގައުމީ މަޖިލިހުގެ ޖަލްސާ އަށް ވެސް ވަޑައެއްނުގަންނަވަ އެވެ. އޭގެ ސަބަބެއް ކަމަށް، ރައީސް އޮފީހުން ބުނީ، އެމަނިކުފާނުގެ އެހެން ކަންކަން ރޭވިފައި ހުރުމެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނަމަ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް ހިސާބުން ވެސް އެމަނިކުފާނަކީ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެކަމަށް ބާރު ލިބެނީ ހަ ވަނަ ބާބުގެ ނ. ގައި ބުނާ "ރިޔާސީ އިންތިހާބެއް ކުރިމަތިވެ، މި އަސާސީ ގަވާއިދުގެ 78 ވަނަ މާއްދާގެ ދަށުން ރިޔާސީ ކެންޑިޑޭޓް ހޮވުމުން، ރިޔާސީ އިންތިހާބު ނިމުމާ ހަމައަށް ޕާޓީގެ އެންމެ އިސް ފަރާތަކީ ކެންޑިޑޭޓެވެ،" މިހެން އޮތުމުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އެ ޕާޓީގެ އިސް މީހަކަށް ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ޕާޓީގެ ނިންމުންތައް ނިންމާނީ ގައުމީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.
"ވަކި މީހަކު ރައީސްއަކަށް ނޫނީ އިސް ފަރާތަކަށް ހުރެގެން ބޭނުން ކަމެއް ކުރެވޭ ގޮތަކަށް ނޫން އިންނަނީ. ގައުމީ މަޖިލީހުން ފާސްކުރީމަ އެއީ ޕާޓީގެ ނިންމުމަކީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއާ ހިލާފަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި، އެ ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ އިރު ދީފައި އޮންނަނީ "މުސްތަޝާރު"ގެ ނަމުގައި، ރަމްޒީ މަގާމެކެވެ. ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް މުސްތަޝާރަކަށް ނޯވެ އެވެ.
ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި ޕީޕީއެމްގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޖެހުނު މައްސަލައަކާ އެކު، ސިވިލް ކޯޓުން "މުސްތަޝާރަ"ށް ބާރެއް ދިނެވެ. އެއީ މުސްތަޝާރުގެ ބެލުމުގެ ދަށުން ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، ޕާޓީ ހިންގާނެ މީހަކު ކަނޑައެޅުމެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ނިންމީ މުސްތަޝާރަށް ޕާޓީ ހިންގުން ހަވާލުކުރާށެވެ.
މިދިއަ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމާ އެކު ޕީޕީއެމުން ވަނީ ކުއްލި ގޮތަކަށް ކޮންގްރެސްއެއް ބާއްވައި، އެ ޕާޓީގެ ރައީސަކަށް އެމަނިކުފާނު އިންތިހާބުކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަތުމުން، ޕީޕީއެމުން ހައި ކޯޓަށް ހުށައެޅި މައްސަލާގައި ހުކުމް އައީ އެ ޕާޓީއާ އެއްކޮޅަށެވެ.
އެހެންކަމުން ޔާމީން ޕީޕީއެމްގެ ރައީސްގެ މަގާމުގައި މިހާރު އެ ހުންނެވީ، ކޮންގްރެސްއާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިމެންދެން، ޕާޓީގެ އަސާސީ ގަވާއިދުން ބާރު ލިބިގެންނެވެ. އެކަމަކު އެމްޑީޕީގެ ކަންކަމުގައި ޕާޓީގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން އުޅުއްވުމުގެ ބާރެއް ނަޝީދަކަށް ނެތެވެ.