މާބަނޑު ދުވަސްވަރު ތަދުކަނޑުވާ ބޭސް ކެއުން ރައްކާތެރިތަ؟
މާބަނޑު ދުވަސްވަރު ތަދުކަނޑުވާ ބޭސް ކެއުން ރައްކާތެރިތަ؟

މީހަކު ބަލިވެ އިންކަން އެނގޭއިރަށް އާއިލާގެ މީހުންނާއި އެކުވެރިން އެމީހަކަށް ތަފާތު ނަސޭހަތްތައް ދޭން ފަށާނެ އެވެ. ގިނަ ބަޔެއްގެ ނަސޭހަތް އަޑުއެހުމަކީ ފަހަރެއްގައި ތަންކޮޅެއް ބޮލަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް، މާބަނޑު މީހުން ގިނަ ބަޔަކު ބުނާ ގޮތަށް ކަންތައް ކުރެވޭތޯ ބަލަ އެވެ. ބަނޑުގައިވާ ދަރިފުޅަށްޓަކަ އެވެ.

މާބަނޑު ދުވަސްވަރު ތަދުކަނޑުވާ ބޭސް ކެއުން ރައްކާތެރިތަ؟
މާބަނޑު ދުވަސްވަރު ތަދުކަނޑުވާ ބޭސް ކެއުން ރައްކާތެރިތަ؟

މެއިލް އޮންލައިންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން މާބަނޑު ދުވަސްވަރަކީ ބަލިވެ އިނދެގެން އުޅޭ އަންހެންމީހާއަށް ހިތްނުތަނަވަސްކަމާއި ކަންބޮޑުވުން ވެސް ދިމާވާ ދުވަސްވަރެކެވެ. އަމިއްލަ ސިއްހަތަށް ވުރެ ބަނޑުގައިވާ ދަރިފުޅުގެ ސަލާމަތަށް ވިސްނޭނެ އެވެ.

ބަލިވެ އިނުމާ އެކު ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ފަދަ ހުރިހާ ކަމަކުން ދުރުހެލިވާން ޖެހެ އެވެ.

އެގޮތުން ތަދުކަނޑުވާ ބޭހަކީ މާބަނޑު ދުވަސްވަރު އެއްގޮތަކަށް ވެސް ކެއުން ރަނގަޅު އެއްޗެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

ތަދުކަނޑުވާ ބޭހަކީ ހަގީގަތުގައި ވެސް މާބަނޑު މީހުން ކެއުން ރަނގަޅު އެއްޗެއް ނޫން ހެއްޔެވެ؟
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު މާގިނައިން ތަދުކަނޑުވާ ބޭސްކާ ނަމަ ބަނޑުގައިވާ ދަރިފުޅުގެ ކޮންމެވެސް ކަހަލަ އައިބެއް ލުމަކީ އެކަށީގެންވާ ކަމެކެވެ.

ވަރަށް ފަހުން ކުރި ސާވޭއެއްގައި، ތަދުކަނޑުވާ ބޭސް މާބަނޑު ދުވަސްވަރު ބޭނުންކުރި ބަޔަކާއި އެފަދަ ބޭހެއް އެއްގޮތަކަށް ވެސް ބޭނުންނުކުރާ މާބަނޑު މީހުންތަކެއްގެ ދަރިންގެ ހުރި ތަފާތު ބަލާފައިވެ އެވެ.

މި ނަތީޖާއިން ދެއްކި ގޮތުގައި މާބަނޑު ދުވަސްވަރު ތަދުކަނޑުވާ ބޭސް ކައި އުޅުނު މީހުންނަށް ލިބިފައިވާ ދަރިންގެ ތެރެއިން ހަ ޕަސެންޓަށް ވުރެ ގިނަ ކުދިންގެ ސީރިއަސް އައިބުތައް ހުއްޓެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި ތަދުކަނޑުވާ ބޭސް ނޫނަސް ހިތް ނުތަނަވަސްވުމާއި ވެއްޓޭބަލި، ޑިޕްރެޝަން، ބައޮޕްލާ ޑިސްއޯޑާ ފަދަ ނަފްސާނީ ބަލިތަކަށް ކާންދޭ ބާރުގަދަ ބޭސްތައް މާބަނޑު ދުވަސްވަރު ބޭނުން ކުރުމުންވެސް ބަނޑުގައި އޮންނަ ކުއްޖާ އައިބު ވެދާނެ އެވެ.

މިކަން މިގޮތަށް ދިމާވަނީ މިފަދަ ބޭހުގައި ހުންނަ ވަކި ވައްތަރެއްގެ ކެމިކަލްތަކެއް މަހުގެ ތެރެއިން ރަހިމަށް ވާސިލުވެ ކުއްޖާގެ ލޭގެ ތެރެއަށް ވާސިލުވާތީ އެވެ.

އުފެދުމުގެ މަރުހަލާގައިވާ ތުއްތު ކުއްޖާގެ އުފެދުމުގެ ނިޒާމުގެ ތެރެއަށް މި ބާރުގަދަ ކެމިކަލްތައް ވަނުމުން ކުއްޖާގެ ސެންޓްރަލް ނާވަސް ސިސްޓަމަށް ގެއްލުންވެ ސިކުނޑިއާ ގުޅިފައިވާ އެކި ކަހަލަ އައިބުތައް ކުއްޖާއަށް ކުރިމަތިވަނީ އެވެ.

ދިރާސާ ރިޕޯޓު ނިންމާލަމުން ފާހަގަކޮށްފައިވާ ގޮތުގައި ބަލިވެ އިންތާ ފުރަތަމަ ޓްރައިމިސްޓާ (ތިން މަސް) ދުވަހުގެ ތެރޭގައި ޕެއިންކިލާ ބޭނުންކުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ ބޮޑެތި އައިބުތަކެއް ހުރުމުގެ ފުރުސަތު، އެފަދަ ބޭސްތައް ނުކާ މީހުންނަށް ވުރެ ތިން ގުނަ އިތުރުވާ ކަމެއް ކަމަށެވެ.

ވިހާ ދަރިފުޅަށް ބޮޑު ގެއްލުމެއް ލިބިދާނެތީ ޑޮކްޓަރުން އިރުޝާދު ދެއްވަނީ މާބަނޑު ދުވަސްވަރު ތަދުކަނޑުވާ ބޭހާ ވީވަރަކުން ދުރުހެލި ވުމަށެވެ.