ޑޮކްޓަރަށް ކަންކަން ސިއްރުކޮށް ދޮގު ހަދަންތަ؟
ޑޮކްޓަރަށް ކަންކަން ސިއްރުކޮށް ދޮގު ހަދަންތަ؟

ކަސްރަތުކުރަނީ ކިހާ ވަރަކަށް ކަމާއި ކައިބޮއެ އުޅޭ އެއްޗެއްސާއި ސިނގިރޭޓް ބުއިމާއި ޑްރަގްސް ބޭނުންކުރުން ފަދަ ކަންކަމާ ބެހޭގޮތުން ޑޮކްޓަރުންނަށް ދޮގު ހަދާ މީހުންގެ ނިސްބަތް 60-80 ޕަސެންޓަށް އަރަ އެވެ.

އަދި ޑޮކްޓަރު ދޭ ލަފައާ ބެހޭގޮތުން އެއްޗެއް ނޭނގުނަސް ނުވަތަ ދެބަސްވިޔަސް ތިންބައިކުޅަ އެއްބައި މީހުން އެކަމަކާ މެދު އެއްޗެކޭ ނުބުނެ އެވެ.

މިއީ އެމެރިކާގެ 4،500 މީހަކު ޑޮކްޓަރުންނަށް ކިޔައިދެނީ ކޮން ވާހަކަތަކެއްކަން އޮޅުންފިލުވައިގެން ޔުނިވާސިޓީ އޮފް ޔޫޓާ ހެލްތުގެ ދިރާސާވެރިން ހޯދި ހޯދުމެކެވެ.

ދޮގު ހެދުމުގެ މައިގަނޑު ސަބަބަކަށް ވަނީ ޑޮކްޓަރު ހިތަށް އަރާފާނެ އެއްޗަކާ މެދު ވިސްނުމާއި ޑޮކްޓަރުގެ ފަރާތުން ބޮޑު ނަސޭހަތެއް އަޑުއަހަން އިންނަން ބޭނުން ނުވުމެވެ.

ގިނަ މީހުން ބޭނުންވަނީ ޑޮކްޓަރު އެ މީހުންނަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ދެކޭށެވެ. ގޯސް ނިންމުންތައް ނިންމާ މީހެއްގެ ގޮތުގައި ޑޮކްޓަރަށް ފާހަގަވެދާނެތީ އެފަދަ މީހުން ޖެހިލުންވެ އެވެ.

ދަ ޖާނަލް އޮފް ދި އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި ޝާއިއުކޮށްފައިވާ މި ހޯދުމަކީ ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް ކަން ދިރާސާގައި އިސްކޮށް ހުންނެވި ޑރ. އެންޖެލާ ފެގާލިން ފާހަގަކުރައްވަ އެވެ. ސަބަބަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ފައިދާހުރި ކާނާ ނުކެއުން ފަދަ ސަބަބުތަކާ ހެދި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދިޔުމެވެ.

ދިރާސާގެ ގިނަ ބައިވެރިން އެއްބަސްވި ގޮތުގައި ޑޮކްޓަރަށް އެނގުން މުހިއްމު މައުލޫމާތުތަކުގެ ތެރެއިން މަދުވެގެން އެއް ކަމެއް އެ މީހުން ސިއްރުކުރެ އެވެ. ވަރަށް ގިނަ ފަހަރު އެ ގޮތަށް ސިއްރުކުރަނީ މުހިއްމުކަން ކުޑަ އަދި ލަދުގަންނަން ނުޖެހޭ ވަރު ކަންކަމެވެ. އެކަމަކު ވެސް ބޮޑާވެގަނެވޭތީ އެ ކަންކަން ހާމަކުރަން ބޭނުން ނުވަނީ އެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ކިތަންމެ ކުޑަ ކަމެއް ސިއްރު ކުރިޔަސް، އެ ކުރެވޭ ކަމަކީ ޑޮކްޓަރު ދޭން ޖެހޭ އެންމެ ރަނގަޅު އިރުޝާދަށް ހުރަސް އެޅުމެވެ. އެކަމަކު މި މައްސަލައިގެ ޒިންމާ ނަގަން ޖެހެނީ ހަމައެކަނި ބަލިމީހުން ނޫން ކަމަށް ވެސް އެ މީހުން ދެކެ އެވެ.

އެންމެ ގިނައިން ޑޮކްޓަރަށް ކަންކަން ސިއްރުކުރަނީ އަންހެނުންނާއި ޒުވާނުންނާއި އަމިއްލަ ނަފްސަށް އިތުބާރު ކުޑަ މީހުންކަން ވެސް ދިރާސާ އިން އެނގުނެ އެވެ.