ތަލަވުމުގެ ފަރުވާއަކާ ހިސާބަށް ދެވިދާނެ ހޯދުމެއް
ތަލަވުމުގެ ފަރުވާއަކާ ހިސާބަށް ދެވިދާނެ ހޯދުމެއް

ބޮލުން އިސްތަށި ފައިބަން އެކި ސަބަބުތައް ދިމާވެ އެވެ. ޑީއެންއޭގައި އެކަން ހުރެގެން ލަސްލަހުން އިސްތަށި ފައިބަމުން ގޮސް ތަލަވުމާއި ފިހުން ނުވަތަ ފުން ޒަޚަމެއް ފަދަ އަނިޔާއެއް ލިބިގެން އިސްތަށިތައް ފޭބުން ކަމަށް ވިޔަސް، އަލުން އިސްތަށި ފެޅުވުމަކީ އެކަމާ ބެހޭ ދިރާސާތައް ކުރާ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސައިންސް ކިތަންމެ ކުރިއަރާފައިވީ ނަމަވެސް ތަލަވުމުގެ މައްސަލަ އަށް ފަރުވާއެއް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދަނީ ލަސް ދުވެއްޔެއްގަ އެވެ.

އަލުން އިސްތަށި ފެޅުވޭނެ ގޮތެއް ހޯދުމުގެ ދިރާސާއެއް އެންމެ ފަހުން ކުރީ ނިއު ޔޯކް ޔުނިވާސިޓީ ލެންގޯން ހެލްތު ސެންޓަރުގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. މަޔޫމީ އިޓޯ އިސްވެ ހުންނަވައިގެންނެވެ. އޭނާގެ ޓީމްގެ ހޯދުންތައް ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގައި މިދިޔަ ހަފްތާގައި ވަނީ ޝާއިއުކޮށްފަ އެވެ. އެ ޓީމުން ބުނާގޮތުގައި މަޑުމަޑުން ގޮސް ތަލަވާ މީހުންގެ އިސްތަށިގަނޑު ވެސް އަނބުރާ ހޯދިދާނެ ގޮތެއް އެބަ އޮތެވެ. އަދި އެ ގޮތަކީ ޒަޚަމްވެފައިވާ ހަމުގައި އިސްތަށި ފެޅުވުމެވެ.

ހަޑިގަނޑުގެ އެއް ސެލް އަނެއް ސެލްއާ މުއާމަލާތުކުރަން ބޭނުންކުރާ ޕްރޮޓީންއެއް ކަމަށްވާ ސޮނިކް ހެޖްހޮގް ޕާތުވޭއަކީ ރަހިމުގައި އިންސާނާ އުފެދެމުންދާ އިރު ހަރަކާތްތެރި އެއްޗަކަށް ވިޔަސް އުފަންވުމަށް ފަހު އެ ހަރަކާތްތެރިކަން ކުޑަވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ހެއާ ފޮލިކަލްސް އުފެދެމުންދާ އިރު ވަރަށް އެކްޓިވްކޮށް ހުރެފައި، އުމުރުން ދުވަސްވަމުން ދާ ހަމުގަ އާއި ހަލާކުވާ ހަމުގައި ހަރަކާތްތެރިކަން ކުޑަވެ އެވެ.

މީދާ ބޭނުންކޮށްގެން ޑރ. އިޓޯގެ ޓީމުން ހެދި ދިރާސާގައި މީދަލުގެ ހަލާކުވެފައިވާ ހަމުގެ ސޮނިކް ހެޖްހޮގް ސިގްނަލިން ޕާތުވޭ އެކްޓިވޭޓްކުރި އެވެ. ސެލްތަކުގެ ކޮމިއުނިކޭޝަނަށް ދިރުން ގެނައުމާ އެކު، މީދާތަކުގައި ހަތަރު ހަފްތާ ފަހުން އިސްތަށި ފަޅަން ފެށި ތަން ފެނުނެވެ. އަދި ނުވަ ހަފްތާ ފަހުން އިސްތަށީގެ ބުޑާއި ދެން ހުރި ބައިތައް ފެޅި އެވެ.

ރިސާޗަރުން ކުރި ކަމަކީ ދުވަސްވެ ހަލާކުވެފައިވާ ހަން، ރަހިމުގައި އޮންނަ އިރުގެ ހަމަށް ބަދަލުކުރުމެވެ.

މިއީ ހަންގަނޑު ޒަޚަމްވެގެން އަލުން އިސްތަށި ފަޅުވަން ބޭނުންވާ މީހުންނަށާއި އުމުރު މައްޗަށް ދާ ވަރަކަށް އިސްތަށި ފައިބަމުން ގޮސް ތަލަވާ މީހުންނަށް ވެސް ބޭނުންތެރި ހޯދުމަކަށް ވާނެ ކަމަށް އިޓޯ އުއްމީދުކުރައްވަ އެވެ.

ކުރީގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ސޮނިކް ހެޖްހޮގް ޕާތުވޭ އެކްޓިވޭޓްކުރުމުން ޓިއުމަރު އުފެދެ އެވެ. އެކަމުން ސަލާމާތްވާން އިޓޯގެ ޓީމުން ހަމައެކަނި އެކްޓިވޭޓްކުރީ އިސްތައްޓާއި ހަމުގެ ބައްޓަމާއި ބާރު ދެމެހެއްޓުމަށް ބޭނުންވާ ކޮލަޖެން އުފައްދައިދޭން ހަންގަނޑާ ޖެހިގެން ހުންނަ ފައިބްރޮބްލާސްޓް ސެލްތަކުގެ ޕާތުވޭ އެވެ.

މިއީ އަލުން އިސްތަށި ފެޅުވުމާ ބެހޭ ގޮތުން މިހާތަނަށް އެނގިފައިވާ ކަންކަމަށް އާ ވިސްނުމެއް ގެނެސްދޭ ހޯދުމެކެވެ. ކުރިން ޑޮކްޓަރުންނަށް ގަބޫލުކުރެވިފައި އޮތީ ޒަޚަމްވުމަށް ފަހު އަލުން އިސްތަށި ނުފަޅަނީ ސްކާ ޓިޝޫ އުފެދުމާއި ކޮލަޖެންގެ ސަބަބުން ކަމެވެ. އެކަމަކު މި ހޯދުމުން އެނގެނީ އެއީ ހަގީގަތުގައި ސެލްތަކުން ސިގްނަލް ދިނުމުގައި އުޅޭ މައްސަލައެއް ކަމެވެ.

އިޓޯގެ ދިރާސާ ދެން އަމާޒުކުރައްވާނީ ސޮނިކް ހެޖްހޮގް ސިގްނަލިން އެކްޓިވޭޓްކޮށްދޭނެ ކެމިކަލެއް ހޯދުމުގެ މައްޗަށެވެ. އޭނާގެ އެންމެ ފަހުގެ އަމާޒަކަށް ވާނީ ފައިބާ އިސްތަށި އަލުން ފަޅުވައިދޭނެ ބޭހެއް ހޯއްދެވުމެވެ.