17 އޯގަސްޓް 2016 - 11:05

ބުކަރެސްޓް، ރުމޭނިއާ (އޮގަސްޓް 17) - ރަށުން ބޭރުގައި ރުމޭނިއާގެ ސްޓެއުއާ ބުކަރެސްޓް އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.
ކޮލިފައިން ދެ ވަނަ ލެގުގައި އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ސިޓީ ފަސް ލަނޑުގެ ތަފާތުން ބަލިނުވެއްޖެނަމަ އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ. ރޭގެ މެޗަށް ވެސް ސިޓީން ނުކުތީ އެ ޓީމުގެ ކުރީގެ އެއް ނަންބަރު ކީޕަރު ޖޯ ހާޓް ބެންޗަށް ލައިގެންނެވެ. ހާޓްގެ ބަދަލުގައި ރޭ ވެސް އެ ޓީމު ފުރަތަމަ އެގާރައިގައި ކުޅުނީ އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ އެވެ.
ރޭގެ މެޗުގައި ސިޓީގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށް ސާޖިއޯ އަގުއޭރޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އިތުރު ލަނޑު ޖަހަން ވެސް އަގުއޭރޯ އަށް ވަނީ ރަނުގެ ފުރުސަތުތަކެއް ލިބިފަ އެވެ. އަގުއޭރޯ ވަނީ މި މެޗުގައި ދެ ޕެނަލްޓީ ވެސް ބޭކާރު ކޮށްލައިފަ އެވެ.
ސިޓީގެ އަނެއް ދެ ލަނޑު ޖެހީ ސްޕެއިނުގެ ދެ ކުޅުންތެރިން ކަމަށްވާ ޑޭވިޑް ސިލްވާ އާއި ނޮލީޓޯ އެވެ. މިއީ ސެލްޓަ ވިގޯ ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި ސިޓީ އަށް ބަދަލުވި ފަހުން ނޮލީޓޯ އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ގާޑިއޯލާ ބުނީ މި މޮޅާ އެކު ސިޓީގެ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
"އަހަރެމެންނަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންވެއްޖެ. އެއީ އެންމެ ބޮޑު އެއް ޓާގެޓް. އަހަރެންގެ ޕްލޭނާ އެއް ގޮތަށް ކުޅުންތެރިން ވަރަށް އަވަހަށް މަސައްކަތްކުރަން ފަަށައިފި. ކުރިއަށް އޮތް ތަނުގައި މި އަށް ވުރެ ރަނގަޅުވާނެ،" ގާޑިއޯލާ ބުންޏެވެ.