ފްރާންސްގެ ހަމަނުޖެހުންތައް ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ
ފްރާންސްގެ ހަމަނުޖެހުންތައް ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ

ޕެރިސް (ޑިސެމްބަރު 2) - ފްރާންސް ސަރުކާރާ ދެކޮޅަށް މިހާރު ހިންގާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ފްރާންސްގެ ހަމަނުޖެހުންތައް ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ
ފްރާންސްގެ ހަމަނުޖެހުންތައް ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ

ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ރައީސް އެމަނުއެލް މެކްރޮން ވަނީ ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފައި ކަމަށެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށިފައި ވަނީ ތެލުގެ ޓެކްސް ބޮޑުވާ މައްސަލައިގަ އެވެ.

މީގެ ދެ ހަފުތާ ކުރިން ހަމަނުޖެހުންތައް ފެށުނު ފަހުން މިހާތަނަށް ވަނީ ތިން މީހުން މަރުވެފަ އެވެ. ހަމަނުޖެހުންތައް އިއްޔެ އެންމެ ވަރުގަދަ އަށް ހިންގާފައި ވަނީ ޕެރިހުގަ އެވެ. ވެރިރަށުގެ ހަމަނުޖެހުންތަކުގައި ވަނީ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. އޭގެ ތެރޭގައި ސަލާމަތީ ފަރާތްތަކުގެ 23 މީހުން ވެސް ހިމެނެ އެވެ. ފުލުހުން ބުނީ ހަމަނުޖެހުންތަކުގައި މިހާތަނަށް 400 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އާޖެންޓީނާގައި ބޭއްވި ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ފްރާންސަށް މިއަދު ހެނދުނު ވަޑައިގެން މެކްރޮން ވަނީ ހަމަނުޖެހުންތަކުގައި ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ. އަދި ބޮޑު ވަޒީރާއި ދާޚިލީ ވަޒީރުގެ އިތުރުން ވަނީ ސަލާމަތީ އިސް ފަރާތްތަކާ އެކު ރިޔާސީ ގަނޑުވަރުގައި ބައްދަލުވުމެއް ބާއްވައިފަ އެވެ.

ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ހަމަނުޖެހުންތައް ހުއްޓުވަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ފުރުސަތެއް ނޯންނާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވި އެވެ.