"ލޯބި" ނަމަކުން މުހާބަތު ކުރުމުން ބައިވެރިޔާއާ ގުޅުން ބަދަހިވޭ
"ލޯބި" ނަމަކުން މުހާބަތު ކުރުމުން ބައިވެރިޔާއާ ގުޅުން ބަދަހިވޭ

ލޯބިވެރިޔާ ނުވަތަ ފިރިމީހާ/އަނބިމީހާ އަށް ލޯބިން ގޮވާ ހާއްސަ ނަންތައް ދިވެހިން ވެސް ބޭނުންކުރެ އެވެ. މިސާލަކަށް "ލޯބީ"، "ދޫނީ" ފަދަ ނަންތައް ފާހަގަކޮށްލެވޭނެ އެވެ. މީގެ އިތުރުން ޑާލިން، ބޭބީ، ހަނީ، ކިއުޓީ، ކިއުޓީ ޕައި އަދި ސްވީޓީ ފަދަ ލަޒުފުތަކަކީ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހަކަށް ނިސްބަތްކޮށް އާންމުކޮށް ހަމަ ބޭނުންކުރާ ނަންތަކެވެ.

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ބައިވެރިޔާ އަށް ހާއްސަ ނަމަކުން މުހާތަބު ކުރުމުން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްދެ އެވެ.

ސުޕަޑްރަގް އޮންލައިން ޑޮކްޓާ އިން ހަދާފައިވާ ދިރާސާއެއްގައި ބުނި ގޮތުގައި ބައިވެރިޔާ އަށް ހާއްސަ "ލޯބި" ނަމަކުން ގޮވުމަކީ ދެ މީހުންގެ ގުޅުން ވަރުގަދަކޮށް ދިނުމުގެ އިތުރަށް ބައިވެރިޔާ އަށް ތިމާއަކީ ވަރަށް ހާއްސަ މީހެއްކަން އަންގައި ދޭނެ ވެސް ކަމެކެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހާއްސަ ނަމަކުން ބައިވެރިޔާއާ މުހާބަތު ކުރުމުން ދެ މީހުންގެ ދެމެދު އޮންނަ ބީރައްޓެހިކަމާއި ޖެހިލުންވުން ނައްތައިލަން އެހީއަކަށް ވެ އެވެ. އަދި މީގެ ސަބަބުން އެކަކު އަނެކަކަށް ހާއްސަވާ މިންވަރު އިހުސާސްކޮށް ދިނުމުގެ އިތުރަށް ޖަޒުބާތީ ގޮތުން ވެސް ދެ މީހުންގެ ގާތްކަން ބޮޑުކޮށް ދެ އެވެ.

"ޕެޓް ނަމަކުން ގޮވުމަކީ ލޯބީގެ ވަރަށް ހާއްސަ ކަމެއް. ލޯބިވާކަން އިހުސާސްކޮށް ދިނުމުގެ ގޮތުން ވެސް ޕެޓް ނަމަކީ ވަރަށް ހާއްސަ ދައުރެއް އަދާ ކުރާ އެއްޗެއް،" ދިރާސާ ޓީމުން ބުންޏެވެ.

"މިއީ ހަގީގަތުގައި ލޯބީގެ ވަރަށް ހާއްސަ ބަހުރުވައެއް."

ސޯޝަލް އެންޑް ޕާސަނަލް ރިލޭޝަންޝިޕް ޖާނަލްގައި 1993 ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވެސް ބުނެފައިވާ ގޮތުގައި ހާއްސަ ނަމެއް ބައިވެރިޔާ އަށް ކިޔުމަކީ އުފާވެރިކަން ގެނުވައިދޭ އަދި ގުޅުން ވެސް ބަދަހިކޮށްދޭ ކަމެކެވެ.