02 ޑިސެމްބަރ 2018 - 17:53

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ސީއެޗްއެސްއީގެ ކުރީގެ ޕްރިންސިޕަލް ފާތިމަތު އާމިރާ މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސީއެސްސީގެ މެމްބަރުކަމަށް އާމިރާ އައްޔަން ކުރައްވައި އޭނާއާ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ސީއެސްސީގެ މެމްބަރުކަމަށް އާމިރާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.
ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލި 13 މީހެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރިއިރު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އާމިރާ އަށެވެ. އެ ކޮމިޓީން އާމިރާ އަށް ދިނީ 89 ޕަސަންޓު މާކްސް އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) ގެ އަނބިކަނބަލުން އާމިރާ އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ. ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިރާ ވަނީ ސީއެޗްއެސްއީގެ ޕްރިންސިޕަލްކަމުގެ އިތުރުން އެ ސްކޫލްގެ ޓީޗަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަގާމުތައް ވަނީ ފުރުއްވައިފަ އެވެ.
ސީއެސްސީއަށް އާމިރާ އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މަގާމުގެ މުއްދަތު މިދިޔަ މަހު ހަމަވުމުންނެވެ.