03 ޑިސެމްބަރ 2018 - 06:56

އެމެރިކާގެ ސައިތުވެސްޓް އެއާލައިނުން ދަތުރުކުރި ފަސް އަހަރުގެ އަންހެން ކުއްޖެއްގެ ނަމަކަށް އޭބީސީޑީއީ ކިޔާތީ އެ އެއާލައިންގެ ގޭޓް އޭޖެންޓަކު ހީހީފައި މަލާމާތް ކުރި މައްސަލަށް ހޫނުވުމުން އެއާލައިނުން މައާފަށް އެދިއްޖެ އެވެ.
މިކަން ތަޖުރިބާ ކުރަން ޖެހުނު ފަސް އަހަރުގެ ދަރިފުޅުގެ މަންމަ ޓްރޭސީ ރެޑްފޯޑް މީޑިއާތަކަށް ބުނީ ގޭޓް އެޖެންޓް އަންހެން ދަރިފުޅުގެ ނަމަށް ޖޯކް ޖަހައި މަލާމަތްކޮށް ހެދުމަށް ފަހު، ފަހުން ކުއްޖާގެ ބޯޑިން ފާހުގެ ފޮޓޯ ވެސް ނަގައި ފޭސްބުކްގައި ހިއްސާކޮށްފައިވާ ކަމަށެވެ. އެކަމަކު މި މައްސަލަ ހޫނުވުމުން ގޭޓް އެޖެންޓް ވަނީ ޕޯސްޓް ޑިލީޓްކޮށްލައިފަ އެވެ.
ފަސް އަހަރުގެ ކުއްޖާގެ ފުރިހަމަ ނަމަކީ އޭބީސީޑީއީ ރެޑްފޯޑެވެ. އެކަމަކު ނަން ޕްރޮނައުންސް ކުރަނީ "އޭބީ-ސިޓީ" ގެ ގޮތުގަ އެވެ.
"މިކަމެއް ކުރިމަތިވީ ކެލިފޯނިއާގެ ޖޯން ވޭން އެެއާޕޯޓުން އަހަރެމެން ޓެކްސަސް އަށް ކުރި ދަތުރުގެ ތެރޭގައި،" ޓްރޭސީ ބުންޏެވެ.
އޭނ ކިޔައިދިން ގޮތުގައި ބޯޑިން ފާސް ބަލައިފައި ގޭޓް އެޖެންޓް ހީހީފައި ކައިރީގައި ތިބި އެހެން މުވައްޒަފުންތަކެއްގެ ކައިރީގައި ވެސް ދަރިފުޅުގެ ނަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން ދަރިފުޅު ކަންބޮޑުވެގެން އެކަމާ ސުވާލު ވެސް ކުރި އެވެ.
"ދެން އަހަރެން ވިސްނައި ދިނިން ކޮންމެ ކޮންމެ މީހަކީ ތިމާއާ އެހާ ރީތިކޮށް މުއާމަލާތް ކުރާނެ މީހެއް ނޫންކަން،" ޓްރޭސީ ބުންޏެވެ.
ދަރިފުޅުގެ ނަމަށް ޖޯކް ޖެހި މައްސަލަ ޓްރޭސީ މީޑިއާތަކަށް ހިއްސާ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސައުތުވެސްޓް އެއާލައިނަށް އަމާޒުވި އެވެ. އެހެންވެ އެއާލައިނުން ވަނީ އެކަމަށް މައާފަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ.
އޭގައި ބުނީ މުވައްޒަފެއްގެ ފަރާތުން ކަސްޓަމަރަކަށް ހިތްހަމަނުޖެހޭ ކަހަލަ ކަމަކާ ކުރިމަތިލާން ޖެހިފައިވާތީ މައާފަށް އެދޭ ކަމަށާއި އެ މުވައްޒަފުގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މުވައްޒަފާ ދޭތެރޭ އެއާލައިނުން އަޅާނެ ފިޔަވަޅެއް ހާމަނުކުރާނެ ކަމަށް ބުންޏެވެ.
"އަހަރެމެންގެ އެއާލައިނަކީ އަބަދުވެސް ކަސްޓަމަރުންނާ ވަރަށް ރައްޓެހި ކަސްޓަމަރުން އުފާވާ ގޮތަށް ހިދުމަތް ދޭން މަސައްކަތް ކުރާ އެއާލައިނެއް،" ބަޔާނުގައި ބުންޏެވެ. "ޔަގީންކަން ދެން މައްސަލަ ބަލަމުން އަންނަކަން. އެކަމަކު އަޅާ ފިޔަވަޅު ހާމަކުރާ އުސޫލެއް ނޯވޭ ހަމަޖެހިފައެއް."