ސީރިއާ އަށް ރަޝިޔާ އިން ބޮން އަޅަން އީރާނުގެ ވައިގެ މަރުކަޒެއް ބޭނުންކޮށްފި
ސީރިއާ އަށް ރަޝިޔާ އިން ބޮން އަޅަން އީރާނުގެ ވައިގެ މަރުކަޒެއް ބޭނުންކޮށްފި

މޮސްކޯ (އޮގަސްޓް 17) - ސީރިއާ އަށް ވައިގެ ހަމަލާ ދިނުމަށް އީރާނުގެ ހުޅަނގުގެ ވައިގެ މަރުކަޒެއް ބޭނުންކޮށްފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނެފި އެވެ.

ސީރިއާ އަށް ރަޝިޔާ އިން ބޮން އަޅަން އީރާނުގެ ވައިގެ މަރުކަޒެއް ބޭނުންކޮށްފި
ސީރިއާ އަށް ރަޝިޔާ އިން ބޮން އަޅަން އީރާނުގެ ވައިގެ މަރުކަޒެއް ބޭނުންކޮށްފި

ރަޝިޔާގެ ޓުޕޮލޭވް-22އެމް3 ބޮން އަޅާ ބޯޓުތަކާއި ސުކޮއި-34 ގެ ހަނގުރާމަ މަތީ ބޯޓުތަކުން ސީރިއާ އަށް އިއްޔެ ހަމަލާދީފައި ވަނީ އީރާނުގެ ހަމޭދާން ވައިގެ މަރުކަޒުން ފުރައިގެން ގޮސް ކަމަށް ދިފާއީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވެ އެވެ. މި ބޯޓުތަކުން ހަމަލާދީފައި ވަނީ ސީރިއާގެ ހަލަބު، އިދްލީބު އަދި ދައިރުއްޒޫރު ޕްރޮވިންސަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިޔާގެ ވައިގެ ހަމަލާތަކުގައި ވަނީ އާއްމުންގެ 27 މީހުން މަރުވެފަ އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނީ އިއްޔެގެ ހަމަލާތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުލް ޝާމް ނުވަތަ ކުރީގެ ނުސްރާ ފްރަންޓު ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ. އަދި ހަލަބާއި އިދްލީބުން ހަތިޔާރު ހުރި ފަސް ގުދަން ގޮއްވާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ދައިރުއްޒޫރުގެ ތިން ކޮމާންޑް ސެންޓަރަށް ހަމަލާ ދިން ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިޔާ އިން ސީރިއާ އަށް ހަމަލާ ދޭން ފެށި ފަހުން ތިން ވަނަ ގައުމެއްގެ އެހީއާ އެކު ހަމަލާދިން ފުރަތަމަ ފަހަރެވެ.

އީރާނަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވާގިވެރިވާ ގައުމެކެވެ. އަދި ބައްޝާރާ ދެކޮޅަށް 2011 ވަނަ އަހަރު ސީރިއާގައި ހަމަނުޖެހުންތައް ފެށި ފަހުން އީރާނުން ދަނީ އަސްކަރީ އަދި މާލީ ގޮތުން ވެސް ސީރިއާ އަށް އެހީތެރިވަމުންނެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ރަޝިޔާ އާއި އީރާނުގެ ސީނިއާ އޮފިޝަލުން ވަނީ ދެ ގައުމުގެ އަސްކަރީ އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ކަމަށް ބީބީސީ އިން ބުނެފައިވެ އެވެ. އަދި ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަމަލާ ދިނުމަށް އީރާނާއި އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް ރަޝިޔާ އިން މިދިޔަ ހަފުތާގައި އެދިފައިވެ އެވެ.