ދުވަސްވީ ކާރުތައް ދުއްވުން މެޑްރިޑްގައި މަނާކޮށްފި
ދުވަސްވީ ކާރުތައް ދުއްވުން މެޑްރިޑްގައި މަނާކޮށްފި

މެޑްރިޑް (ޑިސެމްބަރު 2)- ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި ގިނަ ދުވަސްވެފައިވާ ކާރުތައް ދުއްވުން މަނާކޮށްފި އެވެ.

މާ ގިނައިން ދުން އަރާ ވެހިކަލްތަކާއި ގިނަ ދުވަސްވީ ވެހިކަލްތައް މަނާކުރަނީ އެއާ ޕޮލިއުޝަން 40 ޕަސެންޓަށް ކުޑަކުރަން ކަމަށް ކަމާ ބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ. މި ގަވާއިދާ ޚިލާފަށް ކޮންޓްރޯލް ޒޯނަށް ވަންނަ ވެހިކަލްތައް 90 ޔޫރޯ އިން ޖޫރިމަނާކުރަން ވަނީ ނިންމައިފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ މި ގޮތަށް ހަމަޖެއްސުމުގެ އެއް ބޭނުމަކީ ދުއްވާ ތަކެތީގެ އަޑު މަޑުކުރުމާއި ބައިސްކަލް ދުއްވަން ހިތްވަރު ދިނުން ކަމަށެވެ.

މެޑްރިޑް ކައުންސިލުން ލަފާކުރާ ގޮތުގައި 20 ޕަސެންޓް ކާރަށް އާ އުސޫލުގެ ދަށުން އަސަރު ކުރާނެ އެވެ.

އާ އުސޫލުގެ ދަށުން، 2006 ވަނަ އަހަރުގެ ކުރިން އުފައްދާފައިވާ ޑީސަލް ވެހިކަލްތަކާއި 2000 ވަނަ އަހަރުގެ ކުރިން އުފައްދާފައިވާ ޕެޓްރޯލް ވެހިކަލްތައް މެޑްރިޑް ސިޓީ ސެންޓަރުގައި ދަތުރު ނުކުރެވޭނެ އެވެ.

ޔޫރަޕުގެ އެހެން ބައެއް ސިޓީތަކުގައި ވެސް ވަނީ ދުވަސްވީ ވެހިކަލްތައް މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޕެރިހުގައި ވަނީ 1997 ވަނަ އަހަރުގެ ކުރީގެ ވެހިކަލްތައް ހެނދުނު 8 އިން ރޭގަނޑު 8 އާ ދެމެދު ސިޓީ ސެންޓަރުގައި ދުއްވުން މަނާކޮށްފަ އެވެ. ސްވިޑަންގެ ސްޓޮކްހޯމްގައި ސިޓީ ސެންޓަރަށް ވަންނަ ވެހިކަލްތަކުން ކޮންޖެސްޝަން ފީއެއް ނަގަ އެވެ. ލަންޑަނުގައި ވެސް ސިޓީ ސެންޓަރަށް ވަންނަ ވެހިކަލްތަކުން އެ ޗާޖް ނަގަ އެވެ.