02 ޑިސެމްބަރ 2018 - 15:53

ކޮލަމްބޯ (ޑިސެމްބަރު 2) - ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ކުޑަކުރުމުން ލަންކާގައި ބައެއް މީހުންގެ ހިތްހަމަނުޖެހުން އިތުރުވެއްޖެ އެވެ.
ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގައި އާއްމުންގެ ރުހުން ހޯދުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން ވަނީ ހަކުރު އެކުލެވޭ ބުއިންތަކުން 40 ޕަސެންޓް ޑިއުޓީ ކުޑަކުރަން އަންގައިފަ އެވެ. ނަމަވެސް ސިއްހީ ބައެއް އޮފިޝަލުންނާއި ކުރީގެ މިނިސްޓަރަކު ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. އަދި އެއީ ފަލަވުމާއި ހަކުރު ބައްޔާ ދެކޮޅަށް ކުރާ ކެމްޕޭނާ ދެކޮޅު ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަކުރު އެކުލެވޭ ބާވަތްތަކުން ޑިއުޓީ ކުޑަކުރިއިރު މިދިޔަ ހަފުތާގައި ވަނީ ތެލުގެ ޑިއުޓީ އާއި އިންކަމް ޓެކްސް ވެސް ކުޑަކޮށްފަ އެވެ.
އޮކްޓޯބަރު 26 ވަނަ ދުވަހު މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ވަނީ ފިޒީ އަދި މޭވާގެ ބުއިންތަކުގައި އެކުލެވޭ ހަކުރުގެ ކޮންމެ ގްރާމަކަށް 50 ސެންޓުގެ ޓެކްސްއެއް ނަގަން ފަށައިފަ އެވެ. ނަމަވެސް އެ އަދަދު އިއްޔެ ވަނީ 30 ސެންޓަށް ކުޑަކޮށްފަ އެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ 21 މިލިއަންގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް ވަނީ ހަކުރު ބަލިޖެހިފައި ކަމަށެވެ.
ކުރީގެ ހެލްތު މިނިސްޓަރު ރަޖީތާ ސެނަރަތުނަ ވިދާޅުވެފައި ވަނީ ހަކުރު އެކުލެވޭ ބުއިންތަކުން ޓެކްސް ކުޑަ ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.