02 ޑިސެމްބަރ 2018 - 15:51

މިނިސްޓްރީގައި މުވައްޒަފުންނަށް އަތް ނުލެވޭ ގިނަ ލިޔުންތަކެއް އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު "މިހާރު" އަށް ވިދާޅުވީ، ހައްލު ކުރަން ޖެހިފައިވާ ގިނަ މައްސަލަތަކެއް އެ މިނިސްޓްރީގައި އެބަހުރި ކަމަށެވެ. މިނިސްޓްރީގައި ހުރި ބައެއް ލިޔުންތަކަކީ ކުރީގެ މިނިސްޓަރުންގެ އެދުމުގެ މަތިން މުވައްޒަފުން އަތްލުން މަނާ ލިޔުންތަކެއް ކަމަށާއި އެއީ ކޮންކޮން ލިޔުންތަކެއްތޯ މިހާރު ބަލަމުންދާ އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ގުޑް ގަވަނަންސް ގެންނަން އަޅުގަނޑު ބޭނުން. މިނިސްޓަރު ކަމާ ހަވާލު ކުރި އިރު، މިނިސްޓްރީގައި އަތް ނުލާ ޑޮކިއުމެންޓްތައް މާކުރިން ވެސް އެބަހުރި. ޓޫރިޒަމް މިނިސްޓްރީން ފޮރުވައިގެން އެއްވެސް ކަމެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، މިނިސްޓްރީ އަށް މިނިސްޓަރުގެ ހުއްދަ ހޯދައިގެން ވަންނަން ޖެހޭ އެއްވެސް އިދާރާއެއް ނުހުންނާނެ ކަމަށާއި ހުރިހާ މީހުންނަށް ވެސް މިނިސްޓްރީ އަށް ވަދެވޭނެ ކަމަށެވެ.
މިނިސްޓްރީގައި ހުރި، މުވައްޒަފުންނަށް އަތް ނުލެވޭ ލިޔުންތައް ދިރާސާ ކުރަމުން އަންނަ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތު އެޅިފައިވާ އެއް ތަނަކީ ޓޫރިޒަމް މިނިސްޓްރީ އެވެ. ޓޫރިޒަމްގެ ބޭނުމަށް، ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް އެމްއެމްޕީއާރުސީން ކުއްޔަށް ދީގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ އިރު، ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން އެނގެ އެވެ. ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ބޮޑު ތުހުމަތެއް ކުރެވޭ އެ ޚިޔާނާތުގައި ރައީސް ޔާމީން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ.