ރިޝްވަތުގެ މައްސަލާގައި ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ހޯދައިފި
ރިޝްވަތުގެ މައްސަލާގައި ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ހޯދައިފި

ތެލް އަވީވް (ޑިސެމްބަރު 2) - ކޮރަޕްޝަނުގެ ކުށުގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ތަހުގީގުން ހެކި ލިބިފައިވާ ކަމަށް އިޒްރޭލް ފުލުހުން ބުނެފި އެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ އިޒްރޭލުގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި، ބެޒެގް އަށް ފަހިވާ ގޮތަށް ސަރުކާރުގެ ކޮންޓްރެކްޓަށް ދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެއީ ބެޒެގުގެ ސަބްސިޑަރީ ނިއުސް ވެބްސައިޓެއް ކަމަށްވާ ވައްލާ އިން ނަތަންޔާހޫ އާއި އަނބިކަނބަލުންނަށް ޕޮޒިޓިވް ކަވަރޭޖެއް ގެނެސްދިނުމަށް ޝަރުތުކޮށެވެ.

އެ ތުހުމަތުތައް ނަތަންޔާހޫ ވަނީ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ހެކިތައް ވަނީ ތަހުގީގު ފެށުމުގެ ކުރިން ވެސް ލީކްކޮށްލާފައި ކަމަށެވެ.

"މި މައްސަލަ ވެސް ނިމިގެންދާނީ އެއްވެސް އެއްޗެއް ސާބިތު ނުވެ. ސަބަބަކީ ސާބިތު ކުރެވޭނެ އެއްވެސް އެއްޗެއް ނެތުމުން،" ނަތަންޔާހޫ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރަން ފުލުހުން ލަފާ ދިން ނަމަވެސް އެކަމާމެދު ގޮތެއް ނިންމާނީ އެޓާނީ ޖެނެރަލް އެވެ.

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.