އިމްރާން އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމާ ހަވާލުވެވަޑައިގެންފި
އިމްރާން އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމާ ހަވާލުވެވަޑައިގެންފި

މިދިޔަ މަހުގެ 17 ގައި ހޯމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާކުރެއްވި އިމްރާން އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމަށް ފަހު އަލުން އެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން މަގާމުގެ ހުވާ މި ކުރެއްވީ، ވަޒީރުކަމަށް އިމްރާން ފުރަތަމަ އައްޔަން ކުރެއްވިއިރު، އޭނާގެ މައްޗަށް އޮތް 12 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ވަޒީރުކަން ކުރެވިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާތީ އެވެ. އެކަމަކު އޭނާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން، ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ބޭފުޅަކަށް ވަޒީރުކަން ކުރެއްވޭނީ އެ ހުކުމް ތަންފީޒުކޮށް، ނިމުނުތާ ނުވަތަ މާފު ލިބުނުތާ ތިން އަހަރު ވުމަށް ފަހު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވީ އިމްރާން އިސްތިއުފާ ދެއްވީ އަމިއްލައަށް ބޭނުން ވެގެން ކަމަށެވެ.

"އޭރު ބަޔަކު ސުވާލު އުފައްދާފައި ވާތީ، އެއްވެސް ކަހަލަ ޝައްކު އުފެދޭ ކަހަލަ ކަމެއް ބާއްވަން ބޭނުންފުޅު ނުވާތީ އިމްރާން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް. އޭގެ ފަހުން މިހާރު އަލުން މަގާމުގެ ހުވާކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފި،" ހޫދު ވިދާޅުވި އެވެ.