އެމްސީ ހަމީދުގެ ވަޒީފާ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ
އެމްސީ ހަމީދުގެ ވަޒީފާ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަނީ

ޕޮލިސް ޗީފް ސުޕްރިންޓެންޑެންޓްގެ ރޭންކްގައި ހުއްޓައި ވަޒީފާ އިން ވަކިކުރި، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ވަޒީފާ އިން ވަކިކުރި މައްސަލައިގެ ހުކުމް މިއަދު އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

އޮގަސްޓް، 2012 ގައި ފުލުހުންގެ ވަޒީފާ އިން ހަމީދު ވަކިކުރީ ފުލުހުންގެ ސިއްރުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގަ އެވެ. އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ހައި ކޯޓުން ފަހުން ވަނީ އޭނާ އަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ހަމީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި އެ ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މިއަދު މެންދުރަށެވެ.

ހަމީދު ވަޒީފާ އިން ވަކިކުރުން ރަނގަޅު ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓާއި ހައި ކޯޓުގައި އެކަން ދިފާއު ކުރިޔަސް، ދައުލަތުން ސުޕްރީމް ކޯޓުގައި އެއްބަސްވެފައި ވަނީ ހަމީދު ވަކިކުރުން ރަނގަޅު ނޫން ކަމަށެވެ. ފުލުހުން ވަކި ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އެ މައްސަލައިގައި ފުރިހަމަ ކޮށްފައި ނެތް ކަމަށް ދައުލަތުން އެއްބަސްވި އެވެ.

ސިއްރު މައުލޫމާތު ލީކު ކުރުމުގެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެ މައްސަލާގައި އޭނާ އަށް ދައުވާއެއް ނުކުރެ އެވެ.

އެމްސީ ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުން ނިމުމަކާ ހަމައަށް އައި އިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެވޭނީ ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ އޮފިސަރެކެވެ.

ހަމީދު ވަޒީފާ އިން ވަކިކުރި އިރު ހުރީ، އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ރޭންކުތަކަށް ވުރެ އެއް ރޭންކު ދަށުގަ އެވެ. އެހެންކަމުން އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އަލުން އޭނާގެ ވަޒީފާ ރުޖޫއަ ކުރުމަށް ފަހު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓް ކުރުމަށް ފަހު، ނުވަތަ ޑަބަލް ޕްރޮމޯޝަނަކާ އެކު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓް ކުރުމަށް ފަހު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވޭނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްސީ ހަމީދަކީ ދެ ޅިޔަނުންނެވެ. ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ.