02 ޑިސެމްބަރ 2018 - 11:03

އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވެރިކަން ކުރާ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީ ވާދަކުރަން ގަސްތުކުރާ 13 ދާއިރާ މިއަދު އިއުލާންކޮށްފި އެވެ.
އެ ޕާޓީން މިއަދު އެ 13 ދާއިރާ އިއުލާން ކޮށްފައިވާ އިރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ އެ ޕާޓީ ވަކިން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ރޭ ނިންމައިފަ އެވެ. ކޯލިޝަންގެ އެހެން ޕާޓީތަކާއި ރައީސް މައުމޫން އަބްދުލްގައްޔޫމް އެދެނީ ވަކި އަދަދެއް ކޮންމެ ޕާޓީއަކަށް ކަނޑައަޅައި ކޯލިޝަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރުމަށެވެ.
- ކެލާ ދާއިރާ
- ވައިކަރަދޫ ދާއިރާ
- ކުޅުދުއްފުށި އުތުރު ދާއިރާ
- މަކުނުދޫ ދާއިރާ
- އިނގުރައިދޫ ދާއިރާ
- ކާށިދޫ ދާއިރާ
- މަހިބަދޫ ދާއިރާ
- މުލަކު ދާއިރާ
- ނިލަންދޫ ދާއިރާ
- ގަމު ދާއިރާ
- ފުވައްމުލަކު ދެކުނު ދާއިރާ
- ފޭދޫ ދާއިރާ
- މާފަންނު ދެކުނު ދާއިރާ
ރައީސް މައުމޫން ފިޔަވާ ކޯލިޝަންގެ އެހެން ލީޑަރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓެވެ.
އެެއްބަސްވުން ބުނާ ގޮތުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ހިއްސާ ބެހުމަށް ނިންމާފައިވަނީ ވެސް ހަމަ އެ ނިސްބަތުންނެވެ.
އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19 ކޮމިޓީ"ގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވެ އެވެ.