ކެޓުރީނާ އާއި އަދިތުޔާ ރޯއި ރައްޓެހިވީތަ؟
ކެޓުރީނާ އާއި އަދިތުޔާ ރޯއި ރައްޓެހިވީތަ؟

ބޮލީވުޑްގެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ފިލްމީ ބަތަލާ ކެޓުރީނާ ކައިފް އާއި އޭނާއާ އެކު "ފިތޫރު"ގައި ލީޑް ރޯލު އަދާކުރި އަދިތުޔާ ރޯއި ކަޕޫރު މިހާރު އުޅެނީ ވަރަށް ސިއްރުން ރައްޓެހިވެގެންނެވެ.

ޑްރީމް ޓީމާ އެކު މިހާރު އެމެރިކާގެ އެކި ސްޓޭޓްތަކުގައި ލައިވް ޕާފޯމަންސްތައް ދިނުމުގައި އަވަދިނެތި އުޅެމުންދާ ފިލްމީ ތަރިންގެ ޓީމުގައި މި ދެ އެކްޓަރުން ވެސް ހިމެނެ އެވެ.

މި ޝޯތަކުގައި މި ދެ ތަރިން ޕާފޯމްކުރަނީ ވެސް އެކުގައި ކަމަށް ވާތީ ގިނަ ވަގުތު ރިހާސަލްތަކާއި އެނޫން ވެސް ކަންކަމުގައި އެކުގައި ހޭދަކުރަން ޖެހެ އެވެ. އެގޮތުން މި ދެ ތަރިންގެ ގާތްކަން ބޮޑުވަމުން ގޮސް އެހެން މީހުންނަށް ބަލަން އުނދަގޫވާ މިންވަރަށް ގާތްކަން އިތުރުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ކެޓުރީނާ ވަނީ ރަންބީރު ކަޕޫރާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ދާދިފަހުން ރުޅިވެފަ އެވެ. އަދިތުޔާ އާއި ޝްރައްދާ ކަޕޫރު ރައްޓެހިވެގެން ގިއުޅުމަށް ފަހު އެ ދެ ތަރިން ވެސް މިހާރު ވަނީ ރުޅިވެފަ އެވެ. އެހެންކަމުން ލޯބިވެރިން ވަކިވެ އެކަނިވެރިވެފައިވާ ދެ މީހަކު ބައްދަލުވެ ގުޅުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އަދިތުޔާ އާއި ރަންބީރު ކަޕޫރަކީ ވަރަށް ގާތް އެކުވެރިންނެވެ. އަދި ރަންބީރާއި ކެޓުރީނާ ރުޅިވީ އަދިތުޔާ އާ އެކު ކެޓުރީނާ ކުޅުނު "ފިތޫރު"ގެ ޝޫޓިން ހިނގަމުންދިޔަ ދުވަސްވަރު އެވެ. އެހެންކަމުން ކެޓުރީނާގެ ހިތުގައިވާ ހުރިހާ އުދާހެއް ބަންޑުން ޖަހާލީ އަދިތުޔާގެ ކުރިމައްޗަށެވެ. އަދި އަދިތުޔާ ވެސް ކެޓުރީނާގެ ހިތްހަމަޖައްސައިދޭން އޭރު ވަރަށް މަސައްކަތްކުރި އެވެ.

ނަމަވެސް ޑްރީމް ޓީމުގައި ހިމެނޭ މެމްބަރަކު ބުނެފައިވާ ގޮތުގައި އަދިތުޔާ އާއި ކެޓުރީނާ އަކީ ދެ ލޯބިވެރިންނެއް ނޫނެވެ. ގާތް ދެ އެކުވެރިންނެވެ. އަދިތުޔާ ކިތަންމެ ބޭނުންވިޔަސް އޭނާ ކެޓުރީނާއާ ރައްޓެހިނުވާނެކަމަށް އެ މީހާ ބުންޏެވެ. ސަބަބަކީ ރަންބީރާއި އަދިތުޔާ އަކީ ބެސްޓް ފްރެންޑުންނަށް ވާތީ ކެޓުރީނާއާ ރައްޓެހިވެއްޖެ ނަމަ ރަންބީރު ހިތްހަމަނުޖެހޭނެތީ ކަމަށް ވެސް އެމީހާ ބުނެފައި ވެ އެވެ.