އަސްކަރީ ހެލިކޮޕްޓަރުގެ ވީޑިއޯ ނެގި އިނގިރޭސި ދަރިވަރު މިސްރުން ހައްޔަރުކޮށްފި
އަސްކަރީ ހެލިކޮޕްޓަރުގެ ވީޑިއޯ ނެގި އިނގިރޭސި ދަރިވަރު މިސްރުން ހައްޔަރުކޮށްފި

ގާހިރާ (ޑިސެމްބަރު 1) - މިސްރުގެ އަސްކަރީ ހެލިކޮޕްޓަރެއް އަރާ ގޮތަށް ވީޑިއޯ ނެގި އިނގިރޭސި ވިލާތުގެ 19 އަހަރުގެ ދަރިވަރަކު އިސްކަންދަރިއްޔާ އިން ހައްޔަރުކޮށްފި އެވެ.

މުހައްމަދު ފާތީ އަބުލްކާސިމް ހައްޔަރުކުރީ ނޮވެމްބަރު 21 ވަނަ ދުވަހު އިސްކަންދަރިއްޔާ އަށް ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. މެންޗެސްޓާގައި އޭ ލެވެލް އަށް ކިޔަވަމުން ދިޔަ ދަރިވަރު އިސްކަންދަރިއްޔާ އަށް ދިޔައީ ލީބިއާގައި ދުވަސްކޮޅަކު އުޅުމަށް ފަހު އެވެ. އޭނާގެ އާއިލާގެ މެންބަރުން ދިރިއުޅެނީ ލީބިއާގަ އެވެ.

ލީބިއާގައި އުފަންވި ނަމަވެސް އިނގިރޭސި ވިލާތުގެ ރައްވެހިކަން ލިބިފައިވާ ދަރިވަރު މިސްރުގައި ކުރިން ހަތަރު އަހަރު ދުވަހު ދިރިއުޅުނެވެ.

އަބުލްކާސިމްގެ އާއިލާ އިން ބުނެފައި ވަނީ އޭނާ މިސްރުން ހައްޔަރުކުރީ އަސްކަރީ ބައެއް މައުލޫމާތު ހޯދިކަމުގެ ކުށުގަ އެވެ. އޭނާގެ ފްލައިޓް އިސްކަންދަރިއްޔާގައި ޖެއްސި ވަގުތު އޭނާ ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގެ ވީޑިއޯ ނަގައިފަ އެވެ. އަދި އެއާޕޯޓް އޮފިޝަލުން އޭނާގެ ފޯނު ޗެކްކޮށްފައިވާ ކަމަށް އަބުލްކާސިމްގެ އާއިލާ އިން ބުންޏެވެ.

އަސްކަރީ ތަންތަނާއި ތަކެއްޗާއި އަސްކަރީ އޮފިޝަލުންގެ ފޮޓޯ އާއި ވީޑިއޯ ނެގުމަކީ މިސްރުގައި މަނާކަމެކެވެ.