މިޝޭލް އޮބާމާގެ ފޮތަށް 15 ދުވަހު ތެރޭ ވިޔަފާރީގެ ރެކޯޑެއް
މިޝޭލް އޮބާމާގެ ފޮތަށް 15 ދުވަހު ތެރޭ ވިޔަފާރީގެ ރެކޯޑެއް

ވޮޝިންޓަން (ޑިސެމްބަރު 1) - އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާގެ ހަޔާތުގެ މައްޗަށް ލިޔުއްވި ފޮތް "ބިކަމިން" ނެރުނުތާ 15 ދުވަސްތެރޭ ވިޔަފާރީގެ ރެކޯޑެއް ހަދައިފި އެވެ.

އެންޕީޑީ ބުކްސްކޭން ޑޭޓާ އިން ދައްކާފައިވާ އޮތުގައި އެ ފޮތުގެ ދެ މިލިއަނަށް ވުރެ ގިނަ ކޮޕީ މިހާތަނަށް ވަނީ އެމެރިކާ އާއި ކެނެޑާގައި ވިކިފަ އެވެ. ފޮތް ޕަބްލިކްޝް ކުރި ޕެންގުއިން ރެންޑަމް ހައުސް އިން ބުނެފައި ވަނީ އެއީ އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް، ފްރާންސް، ޖަރުމަން، ކޮރެއާ އަދި ސައުތު އެފްރިކާގައި ވެސް އެންމެ ވިކޭ ފޮތެވެ. އެހެންކަމުން މިޝޭލްގެ ފޮތް ހިމެނިފައި ވަނީ މި އަހަރު ނެރުނު ފޮތްތަކުގެ ތެރޭން އެންމެ ހިނގާ ފޮތަށެވެ.

ފޮތުގައި ވަނީ ރައީސް ބަރަކް އޮބާމާ އެކު މިޝޭލް ހޭދަކުރެއްވި ދުވަސްތަކާއި އެކަމަނާގެ ދިރިއުޅުއްވުމުގެ ގިނަ ވާހަކަތަކާއި ވައިޓްހައުސްގައި ހޭދަކުރެއްވި ދުވަސްތަކުގެ ވާހަކަތައް ހިމަނައިފަ އެވެ. ފޮތުގައި މިޝޭލް ވަނީ ދެ ބޭފުޅުން ކަމަށްވާ މާލިއާ އާއި ސާޝާ ލިބިވަޑައިގެންނެވީ އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހަދައިގެން ކަމަށް ވިދާޅުވެފަ އެވެ.

އުމުރުފުޅުން 54 އަހަރުގެ މިޝޭލް ވަނީ އެކަމަނާގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލީތީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދުވަހަކު ވެސް މައާފް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.