01 ޑިސެމްބަރ 2018 - 20:40

ކޮލަމްބޯ (ޑިސެމްބަރު 1) - ލަންކާގައި ކުރިން ހަނގުރާމަ ހިންގި ސަރަހައްދެއްގެ ޗެކްޕޮއިންޓެއްގައި ހަރަކާތްތެރިވި ފުލުހުންގެ ދެ އޮފިސަރެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުން ގައުމަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.
މަރާލި ދެ ފުލުހުން ވަނީ ފުރަގަހަށް ދެ އަތް ބަނދެ، ބޮލަށް ބަޑި ޖަހައިފަ އެވެ. އެ މީހުންގެ އަތުގައި ހުރި ހަތިޔާރުތައް ވަނީ އަތުލައިފަ އެވެ.
މިކަންކުރި ބަޔަކާ ބެހޭ މައުލޫމާތެއް އަދި ނޭނގެ އެވެ. އެކަމަކު ހަނގުރާމަ ނިމުނުތާ ދިހަ ވަރަކަށް އަހަރާ ކައިރިވެފައިވާ އިރު އެ ސަރަހައްދު އޮތީ އަމާންކޮށެވެ. ދެ އޮފިސަރުން މަރާލާފައި ވަނީ ކޮލަމްބޯގެ އިރުން 300 ކިލޯ މީޓަރު (187 މޭލު) ދުރުގައި އޮންނަ ބަޓިކަލޯގަ އެވެ.
ލަންކާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޔޫއެންޕީން ބުނެފައި ވަނީ ފުލުހުންގެ ދެ އޮފިސަރުން މަރާލާފައި ވަނީ ގައުމުގައި މިހާރު ހިނގާ ސިޔާސީ ހަމަނުޖެހުންތައް އިތުރަށް ގޯސް ކުރަން ކަމަށް ބެލެވޭ ކަމަށެވެ. ލަންކާގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެފައި ވަނީ އޮކްޓޯބަރު 26 ވަނަ ދުވަހު ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމާ ގުޅިގެންނެވެ. ލަންކާ ޕާލަމެންޓުގެ ރުހުން ރާޖަޕަކްސާ އަށް ލިބިފައެއް ނުވެ އެވެ. ޕާލަމެންޓުން މިހާރު ވަނީ ރާޖަޕަކްސާ އާއި މިނިސްޓަރުންނަށް ޚަރަދު ކުރުން ހުއްޓާލަން ފާސްކޮށްފަ އެވެ.