01 ޑިސެމްބަރ 2018 - 20:12

ތެހެރާން (ޑިސެމްބަރު 1) - އީރާނުގައި އުފެއްދި ހަނގުރާމަމަތީ މަނަވަރެއް މިއަދު ދައްކާލައިފި އެވެ.
ގައުމީ ޓީވީން ދައްކަމުން ދިޔަ ރަސްމިއްޔާތެއްގައި ދައްކާލި ސަހަންދު މަނަވަރަކީ ރިސަޕްލައި ކުރުމެއް ނެތި ފަސް މަސް ދުވަހު ދަތުރުގައި އުޅެވޭ އުޅަނދެކެވެ. މަނަވަރުގައި ވަނީ ހެލިކޮޕްޓަރަށް ފްލައިޓް ޑެކެއް ޚާއްސަކޮށްފަ އެވެ. އަދި ޓޯޕީޑޯ ލޯންޗަރާއި އެންޓި-އެއާކްރާފްޓް އަދި އެންޓި ޝިޕް ގަން އާއި މިސައިލް އުދުއްސާލުމުގެ ގާބިލްކަން ވަނީ ލިބިފަ އެވެ.
"މިއީ އީރާނުގެ އުފެއްދުންތެރިކަމާއި ޑިޒައިން އާއި ޓެކްނިކަލް އިލްމަށް އިތުބާރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އުފެދިގެން އައި އުޅަނދެއް،" އީރާނުގެ ކަނޑުގެ ސިފައިންގެ ޝިޕްޔާޑުގެ ވެރިޔާ ރިއާ-އެޑްމިރަލް އަލީ ރިޒާ ޝެއިޚީ ވިދާޅުވި އެވެ.
އީރާނުގައި އުފެއްދި ފުރަތަމަ މަނަވަރު ދައްކާލާފައި ވަނީ 2010 ވަނަ އަހަރު އެވެ. އީރާނުން މިދިޔަ އޮގަސްޓް މަހު ވަނީ އެ ގައުމުގައި އުފެއްދި ހަނގުރާމަމަތީ މަތިންދާ ބޯޓެއް ވެސް ދައްކާލައިފަ އެވެ.