އެމްޑީޕީގެ "ޒުވާނުންގެ ހިތްވަރު"ގެ އިންތިޚާބު ފަހު ވަގުތު ފަސްކުރުމުން ރުޅިގަދަވެއްޖެ
އެމްޑީޕީގެ "ޒުވާނުންގެ ހިތްވަރު"ގެ އިންތިޚާބު ފަހު ވަގުތު ފަސްކުރުމުން ރުޅިގަދަވެއްޖެ

އެމްޑީޕީން އިއްޔެ ބާއްވަން އުޅުނު އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރު"ގެ އިންތިޚާބު އެންމެ ފަހު ވަގުތު ކެންސަލް ކުރުމުން ބައެއް މެމްބަރުން ރުޅިގަދަވެއްޖެ އެވެ.

ޒުވާނުންގެ ހިތްވަރުގެ ހުސްވެފައިވާ މަގާމުތަކަށާއި ހިންގާ ކޮމެޓީއަށް، ޕްރޮވިންސްތަކުންނާއި ސިޓީތަކުން މީހުން އައްޔަންކުރުމާއި ކޮންމެ ރަށަކުން ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމުގެ އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ މަހުގެ 20 ގަ އެވެ. ނަމަވެސް ފަހުން ވަނީ އެ އިންތިޚާބު އިއްޔެ ބާއްވާ ގޮތަށް ފަސްކޮށްފަ އެވެ.

އިންތިޚާބުގެ ވޯޓުލުން މާލޭގެ މައި ހަރުގެ އާއި މީހުން އުޅޭ އެހެން ރަށްރަށުގައި ކުރިއަށްގެންދަން ހަމަޖެއްސީ މެންދުރުފަހު 2:00 އިން ފެށިގެން 6:00 އަށެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ އިންތިހާބުތައް ފަސްކުރިކަން އިއްޔެ ހަވީރު 3:40 ގައި ޓްވީޓަކުން އަންގައިފަ އެވެ.

އެކަމާ ހިތްހަމަނުޖެހުނު ބައެއް ޒުވާނުން ވަނީ ސޯޝަލް މީޑިއާގައި ރުޅިދައްކާލައިފަ އެވެ. އެކަކު ޓްވީޓެއްގައި ބުނީ އެ އިންތިޚާބު ދެ ވަނަ ފަހަރަށް ކެންސަލްކުރުމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އެ އިންތިޚާބުގައި ކުރިމަތިލި ކެންޑިޑޭޓުން ކުރި މަސައްކަތާއި ހޭދަ ފެނިފައިވާ ކަމަށާއި ޒުވާނުންނަށް އިހުމާލުވެފައިވާ ކަމަށް ޓްވީޓުގައި ބުންޏެވެ.

އިންތިޚާބުގައި ޒުވާނުންގެ ހިތްވަރު ގޮފީގެ ހިންގާ ކޮމެޓީގެ މާލެ ސިޓީ މެމްބަރުކަމަށް ކުރިމަތިލި ރިފްގާ ޝިހާމް ކުރި ޓްވީޓުގައި ބުނީ އިންތިޚާބުގައި އިހުމާލުވި މީހުންނާ ދެކޮޅަށް މިފަހަރު ފިޔަވަޅު އަޅާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ، ޕާޓީގެ އިންތިޚާބާ ބެހޭ ކޮމެޓީން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިއްޔެ މެންދުރު 1:50 ވީއިރު ވެސް އިންތިޚާބު ބާއްވާނެ ކަމުގެ ޔަގީންކަން އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅަކު ދެއްވި އެވެ. ނަމަވެސް ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ފަހުން އިންތިހާބު ފަސްކުރީ ކަމަށް ރިފްގާ ބުންޏެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފިން ވަނީ އެ އިންތިޚާބު ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ބުނެފަ އެވެ.

ޒުވާނުންގެ ހިތްވަރުގެ މަގާމުތަކުގެ އިންތިހާބުގެ ކުރިން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނައިބު ރައީސްގެ މަގާމަށް މީހަކު ހޮވުމުގެ އިންތިހާބު ވެސް އިއްޔެ އޮތީ ކުރިއަށް ގެންދާ ގޮތަށެވެ. އެ އިންތިހާބު ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.