"ބައިވެރިޔާ"ގައި ޝީލާގެ ސީރިއަސް ކަމެއް ނެތް
"ބައިވެރިޔާ"ގައި ޝީލާގެ ސީރިއަސް ކަމެއް ނެތް

ގިނަ ބަޔަކަށް ޝީލާ ނަޖީބު ބޮޑަށް ކަމުދަނީ ރުޅިގަދަ ނުލަފާ މީހެއްގެ ރޯލުންނެވެ. ފިލްމް "ޒުލޭހާ" އާއި "ހެޔޮ ނުވާނެ" އަދި "ޒަހަރު" ފަދަ ފިލްމުތަކުގައި އޭނާ ކުޅެފައިވާ ރޯލްތައް ބެލުންތެރިންގެ ހިތްތަކުގައި އަދިވެސް ވަރަށް ތާޒާކޮށް އެބަހުއްޓެވެ.

"ބައިވެރިޔާ"ގައި ޝީލާގެ ސީރިއަސް ކަމެއް ނެތް
"ބައިވެރިޔާ"ގައި ޝީލާގެ ސީރިއަސް ކަމެއް ނެތް

އެކަމަކު ޝީލާ އަކީ ހަމައެކަނި އެ ކަހަލަ ރޯލްތަކަށް ހާއްސަ ބަތަލާއެއް ނޫނެވެ. އޭނާ އަބަދުވެސް ތަފާތު ކެރެކްޓާތައް ދައްކުވައި ދޭން މަސައްކަތް ކުރެ އެވެ. "ރާނީ" ގައި ޝީލާ ފެނިގެން ގޮސްފައި ވަނީ ސީރިއަސްކަން ކުޑަ ކެރެކްޓާއަކުންނެވެ.

"ބައިވެރިޔާ"ގައި ޝީލާގެ ސީރިއަސް ކަމެއް ނެތް
"ބައިވެރިޔާ"ގައި ޝީލާގެ ސީރިއަސް ކަމެއް ނެތް

އޭނާގެ ކުރިއަށް އޮތް ފިލްމް "ބައިވެރިޔާ" އަކީ ވެސް ހަމަ އެކަހަލަ ރޯލެކެވެ. ޝީލާ ފެންނާނީ މަޖާ އަދި ބެލުންތެރިން ލޯބިވާ ކަހަލަ ކެރެކްޓާއަކުންނެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ "ބައިވެރިޔާ" އަންނަ މަހު އަޅުވަން ވަނީ ޕްލޭންކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ވެސް ގާތްގަނޑަކަށް ނިމިއްޖެ އެވެ.

މިއީ ޔޫއްޕެގެ ސްކްރީންޕްލޭއަކަށް އޭނާ ގެނެސްދޭ ކޮމެޑީއެކެވެ. ފިލްމުގައި ބޮޑު ކާސްޓެއް ވެސް ހިމެނެ އެވެ.

ޝީލާ ބުނީ އޭނާ އަށް "ބައިވެރިޔާ" ގައި ކުޅެން ލިބުނު ރޯލާ ދޭތެރޭ ވަަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ހިތްހަމަޖެހޭ ވަރަށް ކެރެކްޓާ އަށް އިންސާފުކޮށް ދެވުނު ކަމަށް ވެސް ބުންޏެވެ.

"ކޮމެޑީ ރޯލަކަށް ވިޔަސް މިއީ ދެން އެހާއެހާ މަޖާވެގެން އުޅޭ ކެރެކްޓާއެއް ނޫން. ބެލުންތެރިންނަށް ޝީލާގެ ކެރެކްޓާގެ މަޖާކަން ފެނިގެން ދާނީ ޑައިލޮގްތަކުން،" ޔޫއްޕެއާ އެކު މީގެ ކުރިން ފިލްމުތަކެއް ކުޅެފައިވާ ތަޖުރިބާކާރު ބަތަލާ ބުންޏެވެ. "ޔޫއްޕެ ވަރަށް ފުރިހަމަ އަށް ގެނެސް ދީފައި އޮތް ސްޓޯރީއެއް މިއީ. ބެލުންތެރިންނަށް ވަރަށް މަޖާވާ ކަހަލަ ކަންތައްތައް ފިލްމުން ފެނިގެން ދާނެ. ޝީލާ އުންމީދު ކުރަން ބެލުންތެރިންނަށް ފިލްމް ކަމުދާނެ ކަމަށް."

ޝީލާ ބުނީ ޔޫއްޕެއާ އެކު ސްކްރީން ހިއްސާކުރަމުން އަދި އޭނާގެ ޑައިރެކްޝަނާ އެކު ކެރެކްޓާއެއް ކުޅެން ޖެހުމުން އެއްވެސް އުނދަގޫ ކަމެއް ނެތް ކަމަށެވެ.

"ވަރަށް ރަނގަޅަށް ސީންތައް ޔޫއްޕެ ކިޔައިދޭ. އެހެންވެ ވަރަށް ފަސޭހަ،" ޝީލާގެ 22 ވަނަ ފިލްމާ ބެހޭ ގޮތުން ބުންޏެވެ.

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސް ކުރާ "ބައިވެރިޔާ"ގެ ތަރިންގެ ތެރޭގައި ޝީލާ އާއި ޔޫއްޕެގެ އިތުރުން މުހައްމަދު ފައިސަލާއި އަހުމަދު އަޒްމީލް (އަޒޭ) ވެސް ހިމެނެ އެވެ.

މީގެ އިތުރުން ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އަހުމަދު ސުނީ، ހުސައިން ޝިބާހު އާއި ވިދަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް) ވެސް "ބައިވެރިޔާ" އިން ފެނިގެން ދާނެ އެވެ.

ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ ފިލްމުގެ ޓީޒާ ވެސް ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.