01 ޑިސެމްބަރ 2018 - 12:23

ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށައަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުން ހުޅުވާލައިފި އެވެ.
އެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިހާރު ދިރާސާކުރަމުން އަންނަ ގާނޫނީ ހިދުމަތުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ނިންމާފައިވާ ކަމަށާއި އެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމަށް އޮންނާނެ ކަމަށެވެ.
އެ ބިލަށް ހިޔާލު ދޭން ބޭނުން ފަރާތްތަކުން[email protected]އަށް މެއިލް ކުރުން ނުވަތަ ސީދާ މަޖިލިހަށް ވެސް ހުށައެޅޭނެ އެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހްމީ ހުށައެޅުއްވި ބިލްގައި ރާއްޖޭގެ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ އެސޯސިއޭޝަން އުފައްދަން ވެސް ހިމަނާފައިވެ އެވެ.
ބިލްގައިވާ ގޮތުން ވަކީލުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅުމާއި އެ މީހުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި ހައްގުތަކާއި އިމްތިޔާޒްތައް ކަށަވަރުކޮށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެންމެހައި ގަވައިދުތަކާއި އޫސޫލުތައް އެކުލަވާލައިލުން ފަދަ ކަންތައް ކުރާނީ ބާ އެސޯސިއޭޝަން މެދުވެރިކޮށެވެ.