01 ޑިސެމްބަރ 2018 - 11:08

ނަރުދަމާގެ ނިޒާމާ އެކު ދިއްފުށީގެ ގެސްޓް ހައުސްގެ އަދަދު ދެ ގުނައަށް އިތުރުވުމަކީ އެންމެ ބޮޑު އުންމީދު ކަމަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފައުންޑަ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ހުސައިން އަފީފު މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ދިއްފުށީގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ މި މަސައްކަތް އަލްޓެކް މޯލްޑިވްސް އިން ނިންމާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.
ދިއްފުއްޓަކީ ގެސްޓްހައުސް ތަރައްގީ ވަމުން އަންނަ ރަށަކަށް ވާ އިރު ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ފުރިހަމަ ނަރުދަމާގެ ނިޒާމެއް ނެތުން ކަމަށް އަފީފް ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ، އެ ހިދުމަތް ގާއިމްކުރުމާ އެކު ރަށުގެ ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ މި ރަށުގައި ތަރައްގީކޮށްފައިވާ 11 ގެސްޓް ހައުސް 22 އަށް ބަދަލުވެގެން ދިއުން. އަދި އެއަށް ވުރެ ވެސް ބޮޑަށް ތަރައްގީ ވެގެންދިއުން،" ދިއްފުއްޓާ ޖެހިގެން އޮތް މީރުފެންފުށި ރިސޯޓްގެ އެއް ހިއްސާދާރު ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގެ އިތުރުން އެއާ ގުޅޭ ހިދުމަތްތައް ވެސް ރަށުގައި ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ތެޔޮ ސަޕްލައި ކުރުމާއި ދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން ސްޕާގެ ހިދުމަތް ވެސް ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1300 މީހުންގެ އާބާދީއެއް އޮތް މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޑިޒައިންކޮށްފައި ވަނީ 2600 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ. މިހާތަނަށް ނަރުދަމާގެ 339 ގުޅުން އަދި ސާފު ފެނުގެ 301 ގުޅުން ވަނީ ގާއިމްކޮށްފަ އެވެ.
އަފީފާއި އޭނާގެ އެއްބަނޑު އެއްބަފާ އެހެން ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް އުފެއްދި އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރު އައިލެންޑް ރިސޯޓު ގުޅިގެން ހިންގި މި މަޝްރޫއުއަށް 4 މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.