ވިސާއާ ނުލައި ދިވެހިންނަށް އެމިރޭޓްސް އަށް ދެވޭ ގޮތް ހަމަޖައްސައިފި
ވިސާއާ ނުލައި ދިވެހިންނަށް އެމިރޭޓްސް އަށް ދެވޭ ގޮތް ހަމަޖައްސައިފި

އަންނަ އަހަރުން ފެށިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވިސާއާ ނުލައި ދިވެހިންނަށް ދެވޭ ގޮތަށް އެ ގައުމުގެ ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ރަސްމީ ދަތުރެއްގައި ޔޫއޭއީގައި މި ވަގުތު ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދުއާ މިއަދު ބައްދަލު ކުރައްވައި ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ދިވެހިންނަށް ވިސާއާ ނުލައި ޔޫއޭއީ އަށް ދެވޭ ގޮތަށް ހަމަޖެއްސީ މިއަދު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.

"މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ވިޔަފާރި އަދި އިންވެސްޓްމަންޓް އިތުރު ކުރުމަށް ވަނީ މަޝްވަރާކޮށްފައި،" ޝާހިދުގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ރާއްޖެ ތަރައްގީވުމަށް ކުރާ މަސައްކަތުގައި ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝައިޚް އަބްދުﷲ ބިން ޒައިދު ވިދާޅުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޔޫއޭއީ އަށް މި ވަޑައިގަތީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު އެވެ. ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެކުވެރި ގައުމުތަކަށް ފައްޓަވާފައިވާ މި ދަތުރުފުޅުގައި ޝާހިދު ދެން ވަޑައިގަންނަވާނީ ޗައިނާ އަށް ކަމަށް އެނގިފައިވެ އެވެ.