ފަލަސްތީން ރައްޔިތުންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފި
ފަލަސްތީން ރައްޔިތުންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފި

ހުޅަނގު އައްސޭރި (ނޮވެމްބަރު 30) - ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަސް އިއްޔެ ފާހަގަކުރި އިރު ފަލަސްތީނުން ވަނީ އދ.ގެ ގަރާރުތައް ބައިނަލްއަގުވާމީ މުޖްތަމައުން ތަންފީޒް ކުރުމަށް ގޮވާލައިފަ އެވެ.

ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަމުގެ ބައިނަލްއަގުވާމީ ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ ނޮވެމްބަރު 29، 1978 ގަ އެވެ. އެއީ ފަލަސްތީން ބައިކުރުމުގެ ޕްލޭން 1947 ވަނަ އަހަރު އދ.ގެ 181 ވަނަ ގަރާރުން ފާސްކުރި ދުވަހެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ބައިނަލްއަގުވާމީ މުޖްތަމައުން ދީގެން ނުވާނެ،" ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ރިޔާދު މަންސޫރު ވިދާޅުވި އެވެ.

ދެ ދައުލަތް އުފައްދައިގެން މައްސަލަ އަށް ހައްލު ހޯދަން ފަލަސްތީން ސަރުކާރުން ބޭނުން ވަނީ 1967 ވަނަ އަހަރު ބޯޑަރު އޮތް ގޮތަށެވެ. އަދި ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ހަދައިގެންނެވެ.

ފަލަސްތީނުގެ ގައުމީ ކައުންސިލްގެ މެންބަރު ހަނާން އަޝްރާވީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ހުރިހާ މުސީބާތަކާއި އުނދަގުލެއް ޖެހިފައި ވަނީ ފަލަސްތީނުގެ ތާރީޚީ ބިމުގައި އިޒްރޭލް ކިޔާ ދައުލަތެއް އުފެއްދުމުން ކަމަށެވެ.

ފަލަސްތީން ސަރުކާރުގެ ތަރުޖަމާން ޔޫސުފް އަލް މަހްމޫދު ވިދާޅުވީ އިޒްރޭލުގެ އުދުވާން ނުހުއްޓުވުމުގެ ޒިންމާ ބައިނަލްއަގުވާމީ މުޖްތަމައުން ވެސް އުފުލަން ޖެހޭނެ ކަމަށެވެ.