އެމެރިކާގެ ވައިގެ ހަމަލާތަކުގައި އަފްޣާނިސްތާނުގެ އާއްމުންގެ 23 މީހުން މަރު
އެމެރިކާގެ ވައިގެ ހަމަލާތަކުގައި އަފްޣާނިސްތާނުގެ އާއްމުންގެ 23 މީހުން މަރު

ކާބުލް (ނޮވެމްބަރު 30) - އެމެރިކާ އިން އަފްޣާނިސްތާނަށް އަންގާރަ ދުވަހު ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 23 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފައިވެ އެވެ.

ހެލްމާންޑް ޕްރޮވިންސަށް ދިން ހަމަލާގައި ގިނަ އިން މަރުވެފައި ވަނީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ އެމެރިިކާގެ ހަމަލާގައި 10 ކުޑަ ކުދިންނާއި އަށް އަންހެނުން މަރުވެފައިވާ ކަމަށެވެ.

އެމެރިކާ އިން ވަނީ އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ދޭ ވައިގެ ހަމަލާތައް މިދިޔަ އަހަރުން ފެށިގެން އިތުރުކޮށްފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ހަމަލާތަކުގެ އަމާޒަކީ ތާލިބާނުންނާއި އިސްލާމިކް ސްޓޭޓް (އައިއެސް) ކަމަށެވެ.

އަފްޣާނިސްތާނުގައި ގާއިމްކޮށްފައިވާ އދ.ގެ އެސިސްޓެންސް މިޝަން އިން ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަސްތެރޭ އަފްޣާނިސްތާނުގައި ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 649 މީހުން މަރުވެފައިވާ ކަމަށެވެ.