30 ނޮވެމްބަރ 2018 - 20:15

ކިއޭވް (ނޮވެމްބަރު 30) - ރަޝިޔާގެ އުމުރުން 16-60 އަހަރާ ދެމެދުގެ ފިރިހެނުން ޔުކްރޭނަށް ވަނުން މަނާކޮށްފި އެވެ.
ނަމަވެސް އިންސާނިއްޔަތުކަމާ ގުޅޭ ކަންކަން ވަނީ އިސްތިސްނާ ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަނާޒާ ފަދަ ކަންކަމުގައި ބައިވެރިވުމަށް ދާ މީހުން ހިމެނެ އެވެ. ރަޝިޔާ އިން ބުނެފައި ވަނީ ރައްދުގައި އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
ރަޝިޔާއާ އެކު މިހާރު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ޔުކްރޭނުގެ 10 ސަރަހައްދެއްގައި ވަނީ އަންނަ މަހު 26އާ ހަމައަށް މާޝަލް ލޯ އިއުލާންކޮށްފަ އެވެ. މާޝަލް ލޯ ހިންގާފައި ވަނީ ރަޝިޔާ އިން ޔުކްރޭނަށް އަރައިގެންފާނެ ކަމަށް ޔުކްރޭނުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ވިދާޅުވެފައިވަނިކޮށެވެ. ރަޝިޔާ އިން ވަނީ ޔުކްރޭނުގެ ތިން ބޯޓަށް ބަޑިޖަހައި އެ ބޯޓުތަކާ އެކު 24 ފަޅުވެރިން އާދިއްތަ ދުވަހު ހިފަހައްޓައިފަ އެވެ.
ޔުކްރޭނުން ބުނެފައި ވަނީ ކަޅު ކަނޑުގައި އާދިއްތަ ދުވަހު ރަޝިޔާ އިން ހިންގި އެ ހާދިސާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ރަޝިޔާ އިން ބުނެފައި ވަނީ ޔުކްރޭނުގެ ބޯޓުތައް ވަނީ އެ ގައުމުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެފައި ކަމަށެވެ.
މިއީ ރަޝިޔާ އިން މާޗް 2014 ގައި އެ ގައުމުގެ ބައެއްގެ ގޮތުގައި ޔުކްރޭނުގެ ކްރައިމިއާ ހަމަޖެއްސި ފަހުން ހިންގި އެންމެ ނުރައްކާ ހާދިސާ އެވެ.
ޔުކްރޭނުގެ ރައީސް ވިދާޅުވެފައި ވަނީ ރަޝިޔާގެ ބަރު ހަތިޔާރު ބޯޑަރަށް ޖަމާކޮށްފައިވާ ކަމަށެވެ.
ރަޝިޔާގެ 1.5 މިލިއަން މީހުން މިދިޔަ އަހަރު ވަނީ ޔުކްރޭނަށް ޒިޔާރަތްކޮށްފަ އެވެ. ރަޝިޔާ މީހުންގެ ތިމާގެ މީހުން ގިނަ އަދަދަކަށް ޔުކްރޭނުގައި ދިރިއުޅެ އެވެ.