ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ
ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ

ރިއޯ ޑި ޖެނީރޯ، ބްރެޒިލް (އޮގަސްޓް 16) - ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި، އެ އިދާރާގެ ކުރީގެ ރައީސް އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ކުރީގެ މެމްބަރު ބްރެޒިލްގެ ޖޮއާ ހަވެލަންޖް އުމުރުފުޅުން 100 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ
ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ

ބާލިންގައި 1936 ވަނަ އަހަރު އޮތް އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ބްރެޒިލް ތަމްސީލްކުރެއްވި ހަވެލަންޖް އަވަހާރަވީ، މި އަހަރުގެ އޮލިމްޕިކްސް ކުރިއަށްދާ އަދި އެމަނިކުފާނު އުފަންވެވަޑައިގެންނެވި ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގަ އެވެ. ދެކުނު އެމެރިކާ ބައްރުގައި ބާއްވާ ފުރަތަމަ އޮލިމްޕިކްސްގެ ބިޑް ރިއޯ އަށް ކާމިޔާބުވުމުގެ ފަހަތުގައި ހުންނެވީ ވެސް ހަވެލަންޖް އެވެ.

ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ
ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ

މީގެ ދެ އަހަރު ކުރިން ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވި، ހެވަލެންޖް ވަނީ މިދިޔަ އަހަރު އެތެރެހަށީގެ އުނދަގުލަކަށް ވެސް ފަރުވާ ހޯއްދަވައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމަނިކުފާނަށް ވަނީ މި އަހަރުގެ ޖުލައި މަހު ނިއުމޯނިއާ ޖެހިފަ އެވެ.

ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ
ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ހަވެލަންޖް އަވަހާރަވެއްޖެ

އައިއޯސީގެ ރައީސް ތޯމަސް ބެޗް ވަނީ، އޮލިމްޕިކްސްގެ އިވެންޓްތައް ކުރިއަށްދާ ވެނޫތަކުގައި ނަގާފައިވާ އޮލިމްޕިކްސް ދިދަ ބައިދަނޑި އަށް ތިރިކުރަން ނިންމަވައިފަ އެވެ.

ބްރެޒިލަށް ހިޖުރަކުރި ބެލްޖިއަމްގެ މުއްސަނދި އާއިލާއަކަށް އުފަންވެވަޑައިގެންނެވި ހެވަލެންޖް ކިޔަވާ ވިދާޅުވީ ގާނޫނީ ދާއިރާ އިންނެވެ. އޭގެ ފަހުން ގާނޫނީ ވަކީލުކަމުގެ ފާސް ނެންގެވި ނަމަވެސް އެމަނިކުފާނު ވެންނެވި ކުޅިވަރުގެ ތެރެއަށެވެ. ކުޅިވަރު އެޑްމިނިސްޓްރޭޝަންގެ ތެރެއަށް ވެދެވަޑައިގަތީ ބްރެޒިލްގެ ސްވިމިން ފެޑެރޭޝަންގެ ރައީސްގެ މަގާމާ އެކު އެވެ. އޭގެ ފަހުން ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

ބްރެޒިލްގެ ސްޕޯޓްސް ކޮންފެޑޭރޭޝަންގެ ރައީސްގެ މަގާމް 1958-1973 ވަނަ އަހަރުގެ ނިޔަލަށް ފުރުއްވުމަށް ފަހު ހަވެލަންޖް ފީފާގެ ރައީސްގެ މަގާމަށް ވަޑައިގަތީ 1974 ވަނަ އަހަރު އެވެ. އެ މަގާމާ ހަވެލަންޖް ހަވާލުވެވަޑައިގެންނެވި ފީފާގައި ތިބީ އެންމެ 12 މުވައްޒަފުންނެވެ. ހަވެލަންޖްގެ ދައުރުގައި ވަނީ ފީފާގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެންނަވައި އެ އިދާރާއަކީ ދުނިޔޭގެ އެންމެ މުއްސަނދި ކުޅިވަރު ފެޑެރޭޝަނަށް ބަދަލުކުރައްވައިފަ އެވެ. ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އަށް އިތުރުކުރައްވައި އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށް ފުރުސަތު ދެއްވި އެވެ.

"އެންމެ ވިސްނުންފުޅެއް ގެންއުޅުއްވީ. އެއީ ފުޓްބޯޅަ އަކީ މުޅި ދުނިޔޭގެ ކުޅިވަރަށް ހެއްދެވުން. އެކަން ހާސިލްކުރެއްވި،" ފީފާގެ ކުރީގެ ރައީސް އަދި ހެވަލެންޖްގެ ދައުރުގައި ޖެނެރަލް ސެކްރެޓަރީގެ މަގާމް އަދާކުރެއްވި ސެޕް ބްލެޓާ ވިދާޅުވި އެވެ.

ވޯލްޑް ކަޕުން ފީފާ އަށް ފައިސާ އޮހޭނެ މަގު ތަނަވަސްކޮށް ފީފާ އަށް ގިނަ އަދަދެއްގެ ސްޕޮންސަރުން ލިބުނީ ވެސް ހަވެލަންޖްގެ ދައުރުގަ އެވެ. މީގެ އިތުރުން 17 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި ފީފާ ވިމެންސް ވޯލްޑް ކަޕުގެ އިތުރުން ކޮންފެޑެރޭޝަންސް ކަޕް ތައާރަފްކުރެއްވި އެވެ.

ހަވެލަންޖުގެ އަށް ފަހު 1998 ވަނަ އަހަރު ފީފާގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި ބްލެޓާ އިތުރަށް ވިދާޅުވީ، އިޖްތިމާއީ، އިގްތިސާދީ މުޖުތަމައުގެ ލީޑަރަކަށް ފުޓްބޯޅަ ވެގެންދިޔައީ ވެސް އެ ކުޅިވަރަށް ހެވަލެންޖް ގެންނެވި ކުރިއެރުމުގެ ސަބަބުން ކަމަށެވެ.

ފީފާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ނަމަވެސް ހަވެލަންޖްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަ އެވެ. އެގޮތުން ހަވެލަންޖާއި އޭނާގެ ދަނބި ދަރިފުޅު އަދި ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ރައީސް ރިކާޑޯ ޓަކްޒެއިރާ ގުޅިގެން ފީފާ އިން 41 މިލިއަން ޑޮލަރުގެ ހިޔާނާތެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ފައިސާ އަކީ ފީފާގެ މާކެޓިން ރައިޓްސް ސްވިޒަލެންޑުގެ އިންޓަނޭޝަނަލް ސްޕޯޓްސް އެންޑް ލެއިޒާ (އައިއެސްއެލް) އަށް ދިނުމަށް ފަހު ބަދަލެއްގައި ނެގި ފައިސާ އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި 1963 އިން 2011 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްކުރެއްވި ހަވެލަންޖް އެ ކޮމިޓީގެ މަސައްކަތްތަކާ ދުރުވެވަޑައިގަތީ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. ފީފާގެ އޮނަރަރީ ރައީސްގެ މަގާމުން 2013 ވަނަ އަހަރު ވަކިވެވަޑައިގަތީ ރިޝްވަތު ނެންގެވިކަން ތަހުގީގަކަށް ސާބިތުވުމުންނެވެ. (ބީބީސީ)