02 ޑިސެމްބަރ 2018 - 08:14

ޗައިނާގައި ގާއިމްކުރާ ކަނޑުއަޑީގެ ފުރަތަމަ ރޭލު ދަތުރުފަތުރުގެ ވިއުގަ ގާއިމު ކުރަން އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފި އެވެ.
މިއީ ޓޫރިޒަމް ކުރިއެރުވުމަށާއި ދަތުރުފަތުރުގެ އަވަސްކަމާއި ފަސޭހަކަން ހޯދުމުގެ ގޮތުން ޒެޗިޖިއަންް ޕްރޮވިންސްގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.
އެގޮތުން ޗައިނާގައި ކުރިއަށް ގެންދާ 77 ކިލޯމީޓަރު ޔޮންގް-ޒޫ ރެއިލްވޭ ޕްލޭނުގެ ދަށުން ރޭލު ދަތުރު ކުރުމަށް އަލަށް 70.92 ކިލޯމީޓަރުގެ ޓްރެކެއް ގާއިމު ކުރާއިރު، އޭގެ ތެރެއިން 16.2 ކިލޯމީޓަރުގެ ޓްރެކް ހުންނާނީ ކަނޑުޑީގަ އެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ އިއުލާން ކުރީ މީގެ 13 އަހަރު ކުރިން 2005 ގައި ކަމަށް ވިޔަސް، ނޮވެމްބަރު މަހުގެ ތެރޭގައި އެ އަށް ފެހި ސިގްނަލް ދިނުމުގެ ކުރިން ވަނީ ވަރަށް ގިނަ ފީސިބިލިޓީ ސްޓަޑީތަކެއް ހަދައިފަ އެވެ.
އަލަށް ގާއިމްކުރާ ރޭލު ވިއުގައާ އެކު މިހާރު ހިދުމަތަށް ބޭނުން ކުރާ ވިއުގައާ ގުޅައިލުމުން ފަސޭހަކަމާ އެކު ޒެޖިއާންގެ ވެރިރަށް ހަންގްޒޫ އާއި ޒޯޝަންއާ ދެމެދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް އަންނާނެ އެވެ. މި ދޭތެރޭގެ ދަތުރުތަކަށް މިހާރު ބަހެއްގައި ނަމަ 4.5 ގަޑިއިރު ނަގާ އިރު، ސައިކަލެއް ނުވަތަ ކާރެއްގައި ދަރުތު ކުރާ ނަމަ 2.5 ގަޑިއިރު ނަގަ އެވެ.
ނަމަވެސް އަލަށް ގާއިމްކުރާ ވިއުގައާ އެކު ދަތުރުގެ ދިގުމިން އެންމެ 80 މިނިޓަށް ކުޑަވެގެން ދާނެ އެވެ.
ޗައިނާ ސަރުކާރުން މި ޕްރޮޖެކްޓަަށް 3.6 ބިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވާ އިރު، އަންނަ އަހަރުގެ ފަހުކޮޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ އެވެ. އަދި މުޅި ޕްރޮޖެކްޓް ނިމުމަކަށް އަންނާނީ 2025 ގަ އެވެ.