ބްރިޖާއި ހައިވޭ އެކްސިޑެންޓުގެ 42 މައްސަލައެއް ވަނީ ހުށަހަޅާފައި
ބްރިޖާއި ހައިވޭ އެކްސިޑެންޓުގެ 42 މައްސަލައެއް ވަނީ ހުށަހަޅާފައި

ސިނަމާލެ ބްރިޖާއި އެ ބްރިޖާ ގުޅޭ ހައިވޭގައި ހިނގާފައިވާ 42 އެކްސިޑެންޓެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

"މިހާރު"ގެ އެދުމަށް ފުލުހުން ހިއްސާ ކުރި ތަފާސްހިސާބު ބުނާ ގޮތުން އެންމެ ގިނަ އެކްސިޑެންޓް އެ އިދާރާ އަށް ހުށަހަޅާފައި ވަނީ ބްރިޖް ހުޅުވި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު ހިނގި 15 އެކްސިޑެންޓެއްގެ މައްސަލަ، އޮކްޓޯބަރު މަހު ހިނގި 12 އެކްސިޑެންޓެއްގެ މައްސަލަ، ނޮވެމްބަރު މަހު ހިނގި 12 އެކްސިޑެންޓެއްގެ މައްސަލަ އަދި މި ހިނގާ ޑިސެމްބަރު މަހު ހިނގާފައިވާ ތިން އެކްސިޑެންޓެއްގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

މިއީ ބްރިޖާއި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ޖުމްލަ އަދަދެއް ނޫނެވެ. ބައެއް އެކްސިޑެންޓުތަކުގައި ހިމެނޭ ފަރާތްތައް އެއްބަސްވެ ފުލުސް އޮފީހަށް ނުގޮސް ވަނީ މައްސަލަ ނިންމައިފަ އެވެ. އެހެންކަމުން އެފަދަ މައްސަލަތައް ފުލުހުންގެ ތަފާސްހިސާބަކު ނުހިމެނެ އެވެ.

ބްރިޖް ހުޅުވި ފަހުން ހިނގާފައިވާ އެކްސިޑެންޓުތަކުގައި އަނިޔާވެގެން 269 މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުން އެކަނި ވެސް ފަރުވާ ހޯދާފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ބްރިޖާއި ހައިވޭ ޔުނިޓާ ހަވާލުވެ ހުރި ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ހަސަން ވިދާޅުވި "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެންމެ ގިނައިން އެކްސިޑެންޓު ހިނގަން މެދުވެރިވަނީ އާދަޔާ ހިލާފަށް ބާރަށް ދުއްވާތީ ކަމަށެވެ. އެހެންކަމުން ދުއްދާ ސްޕީޑް މަޑު ކުރުމަށް ހައިވޭގައި ބްރޭކަރު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެންގެ ރައްކާތެރިކަމަށްޓަކައި މިހާރު މި ދަނީ ކަންތައްތަކެއް ތަރުތީބު ކުރަމުން. އެގޮތުން ހައިވޭގައި ބްރޭކަރު އެޅުމަށް މަސައްކަތްތަކެއް އެބަ ކުރޭ. ދުއްވާ ސްޕީޑް އެބަ ޖެހޭ ކޮންމެވެސް އެއް ސިފައެއްގައި މަޑު ކުރަން. ސްޕީޑް މަޑުކޮށްގެން އަޅުގަނޑުމެންނަށް އެކްސިޑެންޓުތައް މަދު ކުރެވެން އޮތީ،" ހަސަން ވިދާޅުވި އެވެ.

ބްރޭކަރުތައް އެޅުމުގެ މަސައްކަތް ކުރެވެންދެން ބެރިކޭޑް ޖަހައިގެން ވެސް ހައިވޭގައި ދުއްވާ ސްޕީޑް މަޑު ކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެ ބްރޭކަރުތައް އެޅުމުގެ ކުރީގައި ވެސް ފުލުހުންގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން، ބެރިކޭޑް ޖަހައިގެން، އެ ހިސާބުތަކުގައި ދުއްވާ ސްޕީޑް މަޑު ކުރެވޭނެ ކޮންމެވެސް ކަހަލަ އިންތިޒާމްތަކެއް ހަމަޖައްސާނަން،" އޭނާ ވިދާޅުވި އެވެ.