ކުޑަކުދިންނާ ބެހޭ މީހުންގެ ބައެއް މައުލޫމާތު އާންމު ނުކުރާ ގޮތަށް ހަދައިފި
ކުޑަކުދިންނާ ބެހޭ މީހުންގެ ބައެއް މައުލޫމާތު އާންމު ނުކުރާ ގޮތަށް ހަދައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވާ މީހުންގެ ދަފްތަރުގައި ކުރިން އާންމު ކުރަންންޖެހޭ ބައެއް މައުލޫމާތުތައް އާންމު ކުރަން ނުޖެހޭ ގޮތަށް ކުޑަކުދިންނަށް ޖިންސާ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވާ މީހުންގެ ދަފްތަރެއް އާންމުކޮށްފައިވާއިރު، ކުރިން ގަވާއިދުގައި އޮންނަ ގޮތުން އެފަދަ ކުށް ސާބިތުވާ މީހުންގެ ވަނަވަރާއި ހުކުމް ކުރި ތާރީޚާއި ހުކުމް ނިމޭނެ ތާރީޚާއި ވަޒީފާ އަދާކުރި ތަނާއި ކިޔަވާ ތަނުގެ މައުލޫމާތާއި ހަށިގަނޑުގައި ހުންނަ ނިޝާންތަކަށް ދާންދެން ހިމަނަން ޖެހެ އެވެ.

އެކަމަކު ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހު ބުނާގޮތުން ކުށްވެރިޔާ ވަޒީފާ އަދާ ކުރާ ނުވަތަ ކުރި ތަނާއި ކިޔަވާ ތަނުގެ މައުލޫމާތާއި ހަށިގަނޑުގައި ހުންނަ ނިޝާންތަކާއި އިސްކޮޅާއި ބަރުދަން ފަދަ މައުލޫމާތުތައް ދަފްތަރުގައި ހިމަނައިގެން ނުވާނެ އެވެ.

އޭގެ ބަދަލުގައި ދަފްތަރުގައި އާންމު ކުރަން ޖެހޭނީ ކުށްވެރިޔާގެ ވަނަވަރާއި ފޮޓޯ އާއި ހުކުމް ކުރި ތާރީޚާއި ނިމޭނެ ތާރީޚާއި އެ މީހަކު މިހާރު ހުރި ތަނެއްގެ މައުލޫމާތު ފަދަ ތަންތަން ކަމަށް އިސްލާހުގައިވެ އެވެ. އެކަމަކު ދަފްތަރުގައި ހިމަނަން ނުޖެހޭ ގޮތަށް އިސްލާހު ގެނައި މައުލޫމާތުތައް ވެސް ޖެންޑާ މިނިސްޓްރީގައި ރައްކާ ކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން އެފަދަ ކުށެއް މީހަކަށް ސާބިތުވާ ކަމަށް ހުކުމްކުރާތާ ލަސްވެގެން ފަސް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓު ޖެންޑާ މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

ކުޑަކުދިންނާ ބެހުމަކީ ދިގު މުއްދަތުގެ ހުކުމްތައް އަންނަ ކުށެކެވެ. އެފަދަ ކުށެއް ސާބިތުވެގެން ހުކުމެއް އައިސްފި ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމޭތާ ވެސް 10 އަހަރު ވަންދެން އެ މީހެއްގެ މައުލޫމާތު ދަފްތަރުގައި އާންމުކޮށް ފެންނަން ހުންނަން ޖެހެ އެވެ. އެކަމަކު އިސްތިއުނާފް މަރުހަލާގައި ސަލާމަތްވެއްޖެ ނަމަ އެ މީހެއްގެ މައުލޫމާތު ދަފްތަރުން އުނިކުރަންޖެހެ އެވެ.