އާސެނަލާއި ޗެލްސީ އަށް ގްރޫޕްގެ އެއް ވަނަ
އާސެނަލާއި ޗެލްސީ އަށް ގްރޫޕްގެ އެއް ވަނަ

ލަންޑަން (ނޮވެމްބަރު 30) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބާކީ އެއް މެޗު އޮއްވައި އާސެނަލާއި ޗެލްސީން ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށްފި އެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ ގްރީސްގެ ޕީއޭއޯކޭއާ ވާދަކޮށް 4-0 އިންނެވެ. ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗުން ވަނީ ޔޫކްރޭނުގެ ވޯސްކާ އަތުން 3-0 އިން މޮޅުވެފަ އެވެ.

ޗެލްސީ އަށް ރޭގެ މެޗުގައި ފަސޭހަވީ މެޗުގެ ހަތް ވަނަ މިނިޓްގައި ޕީއޭއޯކޭގެ ޔެވްހެން ކަޗެރީޑީ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން މެޗުގެ ބޮޑުބައި އެ ޓީމުން 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުމުންނެވެ. ޗެލްސީގެ ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. އަނެއް ދެ ގޯލު ކާމިޔާބުކުރީ ކަލުމް ހުޑްސަން-އޮޑޯއި އާއި އަލްވާރޯ މޮރާޓާ އެވެ.

ގްރޫޕް އެލްގެ އެއް ވަަނައިގައި ޗެލްސީ އޮތީ ސައްތައިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ބާޓޭ ވަނީ ތިން ވަނައިގައި އޮތް ވިޑީ އަތުން 2-0 އިން މޮޅުވެފަ އެވެ. ބާޓޭ އާއި ވިޑީ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ބާޓޭ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ޕީއޭއޯކޭ އެވެ.

ވޯސްކާއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލުން ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ އެމީލް ސްވިތު ރޯވް އާއި އާރޮން ރަމްސޭ އަދި ޖޯ ވިލޮކް އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި އާސެނަލް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްޕޯޓިން ލިޒްބަން ވަނީ ރޭ ކުޅުނު މެޗުން 6-1 އިން އަޒަރުބައިޖާންގެ ގަރަބަގް އަތުން މޮޅުވެފަ އެވެ. ސްޕޯޓިންގެ އޮތީ ފަސް މެޗުން 10 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ވޯސްކާ އާއި ހަތަރު ވަނައިގައި އޮތް ގަރަބަގަށް ފަސް މެޗުން ލިބުނީ ތިން ޕޮއިންޓެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރަޝިއާގެ ޒެނިޓު ވަނީ 1-0 އިން ޑެންމާކުގެ ކޯޕެންހާގެން ބަލިކޮށް ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ. ގްރީސްގެ އޮލިމްޕިއާކޯސް އަތުން 1-0 އިން މޮޅުވެ ސްޕެއިނުގެ ރެއާލް ބެޓިސް ވެސް ދެ ވަނަ ބުރުން ޖާގަ ކަށަވަރުކުރިއިރު، އެ ގްރޫޕުގައި އޮތް އިޓަލީގެ އޭސީ މިލާން ވަނީ ރޭ ކުޅުނު މެޗުން 5-2 އިން ލަގްޒެމްބާގުގެ ޑުޑްލާންޖް ބަލިކޮށް ދެ ވަނަ ބުރުގެ އުއްމީދު ބޮޑުކޮށްފަ އެވެ. ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް ވަނީ ރޭ ރަށުން ބޭރުގައި ވިޔަރެއާލާ 0-0 އިން އެއްވަރުކޮށް ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދެއް ހޯދައިފަ އެވެ.