01 ޑިސެމްބަރ 2018 - 09:03

މޫނު ބަދަލުކުރުމުގެ އޮޕަރޭޝަނެއް މި އަހަރު ކުރި އެމެރިކާގެ ފިރިހެނެއް ކަމަށްވާ ކެމެރަން އަންޑަވުޑް، 26، ގެ އާ ސިފަ ދުނިޔެ އަށް ދައްކާލައިފި އެވެ.
ޖޫން 2016ގައި އަމިއްލަ އަތުން ބަޑީގެ ވަޒަނެއް އަރައި ދަތްދޮޅި އާއި މޫނާއި ދަތްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކެމެރަންގެ މޫނު އަލުން ހަދަން ގިނަ އޮޕަރޭޝަންތަކެއް ކުރިޔަސް އޭނާގެ މޫނުގެ މުހިއްމު ބައެއް ތަންތަން ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ކެމެރަންގެ މަންމަ ގަސްދުކުރީ އޭނާ ގޮވައިގެން ކެލިފޯނިއާ ދޫކޮށް ނިއު ޔޯކަށް ބަދަލުވެ، އެންވައިޔޫ ލެންގޯން މެޑިކަލް ސެންޓަރުގެ ޕްލާސްޓިކް ސާޖަރީ ޑިޕާޓްމެންޓްގެ އިސް ވެރިޔާ ޑރ. އެޑުއާޑޯ ޑީ. ރޮޑްރިގޭޒް އަށް ދައްކާށެވެ.
ރޮޑްރިގޭޒް އިސްވެ ހުންނަވައިގެން 100 އަށް ވުރެ ގިނަ މެޑިކަލް ޕްރޮފެޝަނަލުންގެ ޓީމަކުން ޖެނުއަރީ 5ގައި ކެމެރަންގެ މޫނު ބަދަލުކުރީ 25 ގަޑި އިރުގެ އޮޕަރޭޝަނަކުންނެވެ. އެއީ ރޮޑްރިގޭޒް އާއި އޭނާގެ ޓީމުން ހެދި ތިން ވަނަ ފޭސް ޓްރާންސްޕްލާންޓެވެ.
މުޅި ދުނިޔެ އަށް ބަލާ އިރު، މޫނު ބަދަލުކުރުމުގެ 40 އަށް ވުރެ ގިނަ އޮޕަރޭޝަން 2005 އިން ފެށިގެން މިހާތަނަށް ކޮށްފައިވެ އެވެ. އެންވައިޔޫ ލެންގޯން ހެލްތުން ބުނާގޮތުގައި އޭގެ ތެރެއިން އެންމެ ބޮޑު އޮޕަރޭޝަން ކުރައްވާފައި ވަނީ، 2015ގައި، ރޮޑްރިގޭޒް އެވެ.
ކެމެރަން ޒަޚަމްވިތާ 18 މަސް ދުވަސް ފަހުން އޭނާގެ މޫނު ބަދަލުކުރެވިއްޖެ އެވެ. އެއީ އެފަދަ ބަލިމީހަކަށް ގެއްލުން ލިބުމާއި އޮޕަރޭޝަންކުރުމާ ދެމެދު ހޭދަވި އެންމެ ކުރު މުއްދަތެވެ. ރޮޑްރިގޭޒް ވިދާޅުވާ ގޮތުގައި އޭގެ ސަބަބުން، ރަނގަޅުވުމުގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ކެމެރަން އަށް ލުޔަކަށް ވާނެ އެވެ. ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ލިބޭ ގެއްލުންތަކުގެ ސަބަބުން އޭނާ ފަދަ އެހެން ގިނަ ބަލިމީހުންގެ ހާލަތު ވަރަށް ގޯސްވެފައިވާކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
ޑޯނާއެއް ލިބޭތޯ ކެމެރަން މަޑުކުރަން ޖެހުނީ އެންމެ ހަ މަސް ދުވަހެވެ. އޭނާ އަށް ލިބުނީ ފިލްމު ހެދުމުގަ އާއި ލިޔުންތެރިއެއްގެ ގޮތުގައި އަރަމުން އައި ޒުވާނެއް ކަމަށްވާ ވިލިއަމް ފިޝާ، 23، ގެ މޫނެވެ. މަރުވުމުގެ ކުރިން ވިލިއަމް ދިރިއުޅުނީ ނިއު ޔޯކް ސިޓީގަ އެވެ.
އޭނާގެ އާ ސިފަ ދައްކާލަން އެންވައިޔޫ ލެންގޯން އިން ބޭއްވި ރަސްމިއްޔާތެއްގައި ކެމެރަން ވަނީ ވިލިއަމް އަށާއި އޭނާގެ އާއިލާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނިގޮތުގައި އެ މީހުންގެ ގުރުބާނީގެ މަތިން އޭނާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެވެ. އަދި ޑރ. ރޮޑްރިގޭޒް އާއި އޭނާގެ ޓީމަށް ވެސް ޝުކުރު އަދާކުރުމުގެ އިތުރުން ކެމެރަން ބުނީ އޭނާ އަށް ލިބުނު ފަދަ ޒަޚަމްތައް ލިބި ސިފަ ގެއްލޭ މީހުންނަށް އުއްމީދު ގެނެސްދޭ ކަމަކަށް މި ތަޖުރިބާ ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"މި ކުރި ދަތުރު ފަސޭހައެއް ނޫން. އެކަމަކު މިއީ ނުހަނު ފައިދާ ބޮޑު ދަތުރެއް،" ކެމެރަން ބުންޏެވެ.