29 ނޮވެމްބަރ 2018 - 23:35

ވިޔަފާރި ފުޅާކުރުމަށްޓަކައި، ރަހުނެއް ބަހައްޓާފައި ލޯނަކަށް އެދުނަސް އެކަމުގައި ކުރިން ކާމިޔާބު ނުވި ކަމަށް، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަށް އުފައްދާފައިވާ ޖަމިއްޔާ "ވިމެން އެންޓަޕްރިނިއަ އެސޯސިއޭޝަން އޮފް މޯލްޑިވްސް" (ވިއަމް) ގެ ޗެއަޕާސަން ޝާއިރާ ސަލީމް މިރޭ ވިދާޅުވެއްޖެ އެވެ.

ވިއަމް އިން ކުރިއަށް ގެންދިޔަ ކަސަބް ގެތުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ޝާއިރާ ވިދާޅުވީ އަންހެނުންނަށް ވިޔަފާރީގެ ދާއިރާގައި ތަފާތު އުނދަގޫތައް ކުރިމަތިވާއިރު، ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް އިންތިހާ އަށް އުނދަގޫ ވެފައިވާ ކަމަށެވެ.

" ލޯނު ނެގުމަށް ކޮލެޓްރަލް [ރަހުނު ކުރާ މުދާ] އޮތަސް އަންހެން ބޭފުޅުންނަށް ލޯނު ނަގަން އުނދަގޫވޭ. އަޅުގަނޑު އެކަން ތަޖުރިބާ ކުރިން. އަޅުގަނޑުގެ ނަން މަތީގައި އޮންނަ ކޮލެޓްރަލެއް ހިފައިގެން ލޯނު ނަގަން ދިއުމުން އެއްވެސް ސަބަބެއް ނުދައްކައި [ލޯނު] ދެވެން ނެތް ވާހަކަ ބުނި. އެކަމަކު އަޅުގަނޑުގެ ނަން މަތީގައި އޮތް ކޮލެޓްރަލް ހިފައިގެން ހަމަ އެ ޕްރޮޕޯސަލްއާ އެކު އެ އަދަދުގެ ލޯނެއް ނަގަން ފިރިހެން ބޭފުޅަކު ދިއުމުން ލޯނު ވަރަށް ފަސޭހައިން ލިބުނު،" ކުރިން ކުރެއްވި ތަޖުރިބާގެ އަލީގައި ޝާއިރާ ވިދާޅުވި އެވެ.
ލޯނުގެ ގޮތުގައ 50،000ރ. ބައެއް ބޭންކުތަކުން ދޫކުރާ ކަމަށާއި އެއީ ރަނގަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވޭނެ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެކި ދާއިރާތަކުން ހުނަރުވެރި މަސައްކަތްތައް ކުރާ އަންހެނުން ގިނަ ކަމަށާއި ހަމައެކަނި ބޭނުން ވަނީ އެ މަސައްކަތްތައް ވިއްކޭނެ މާކެޓެއް ކަމަށް ޝާއިރާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެފަދަ ކަންކަމާ ހެދި ވެސް ވިޔަފާރި ކުރުމަށް އަންހެނުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
ޝާއިރާ ވިދާޅުވިގޮތުގައި، ވިޔަފާރި ކުރުމުގައި އަންހެނުންނަށް ފަހި މާހައުލެއް ގާއިމް ކުރުމަށްޓަކައި ސަރުކާރުން ވެސް މިހާރަށް ވުރެ ގިނަ މަސައްކަތްތައް ކުރަންޖެހެ އެވެ. ވިއަމް ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރަނީ، ދިވެހި އަންހެނުންނަކީ 100 ޕަސެންޓް ދިވެހި އުފެއްދުންތައް އުފައްދައި، އެ މަސައްކަތްތައް ދެމެހެއްޓެނި ގޮތެއްގައި ކުރެވޭނެ މަގު ފަހި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިއަމުން ހިންގި ކަސަބު ގެތުމުގެ ބޭސިކް ކޯހުގައި 30 އަންހެނަކު ވަނީ ބައިވެރިވެފަ އެވެ.
ޝާއިރާ ވިދާޅުވީ، ކަސަބު ވިޔުމަކީ ރާއްޖޭގައި އުވެމުންދާ މަސައްކަތަކަށް ވާތީ، އަމާޒަކީ ކުރިމަގުގައި މި ފަދަ މަސައްކަތް ކުރާ މީހުން އިތުރު ކުރުން ކަމަށެވެ. އެއީ ގޭގައި ތިބެގެން އަންހެނުންނަށް ކުރެވޭނެ މަސައްކަތެއް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭނެ ކަމަށެވެ.
ކަސަބު ވިޔުމުގެ އެޑްވާންސް ކޯހެއް އަންނަ މަހު ވެސް ބާއްވަން ވިއަމުން ވަނީ ނިންމައިފަ އެވެ. އެ ކޯހުގައި، ހެދުން ކެނޑުމަށާއި ފެހުމަށް އަދި ހެދުމުގައި ހިރު ހަރުކުރަން ދަސްކޮށްދޭނެ އެވެ.
މި ކޯހުގައި ކިޔަވާދެނީ ގދ. މަޑަވެލީގައި ކަސަބު ވިއުމުގެ ވިޔަފާރި ކުރާ ތިން އަންހެނެކެވެ.