ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް

ބޮލީވުޑްގައި މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުން ބެލުންތެރިން ބަލައިގެންފައިވާ ޓައިގާ ޝްރޮފް ޖިމެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ފިޓްނެސް ފްރީކެއްގެ ގޮތުގައި ވެސް ލޭބަލްވެފައިވާ ޓައިގާ އާއި އޭނާގެ ދައްތަ ކްރިޝްކާ ޝްރޮފް ހިއްސާވާ ގޮތަށް ހުޅުވާ ޖިމް ހަދާފައި ވަނީ މުމްބާއީގެ ބަންޑްރާގަ އެވެ. މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ގެ އެކްރެޑިޓް ޖިމެއްގެ ގޮތުގައި ހަދާ "އެމްއެމްއޭ މެޓްރިކްސް: ޓްރެއިނިން އެންޑް ފިޓްނެސް ސެންޓަރު" ގެ ނަން ދީފައިވާ މި ޖިމް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ.

މިކަމާ ބެހޭ ގޮތުން އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ބުނީ އިންޑިއާގެ ޒުވާނުންނަށް ހާއްސަކޮށްގެން އެމްއެމްއޭ ޖިމެއް ހުޅުވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި މީގެ ސަބަބުން ފިޓްނެސް އަށް ލޯބި ކުރާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޒުވާން އެކްޓަރު ބުންޏެވެ.

މި އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި "ބާގީ 2" ގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނީ މެއި، 10، 2019 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.

އަޝުތޯޝް ގޮވަރިކާ ޕްރޮޑިއުސް ކުރާ ފިލްމު "ޓޫލްސިޑާސް ޖޫނިއާ" ގެ ތަރިންނާ މަޝްހޫރު އެކްޓަރު ދަލިޕް ތާހިލް ވެސް ގުޅިއްޖެ އެވެ.

"ރާމް ތޭތީ ގަންގާ މެއިލީ" ފަދަ ފިލްމުތައް ކުޅެފައިވާ ކުރީގެ އެކްޓަރު ރަޖީވް ކަޕޫރު 28 ވަރަކަށް އަހަރު ފަހުން އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމުގެ މުހިއްމު ރޯލަކަށް ދަލިޕް ސޮއިކުރިކަން އަޝުތޯޝް ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމާ ތަޖުރިބާކާރު އެކްޓަރު ގުޅުމަކީ ފިލްމަށް ލިބޭނެ އިތުރު ފުރިހަމަ ކަމަކަށް ވާނެ އެވެ.

މިރުދުލް ޑައިރެކްޓް ކުރާ "ޓޫލްސިޑާސް ޖޫނިއާ" ގެ ހާއްސަ ފެނިލުމަކުން ސަންޖޭ ދަތު ވެސް ފެނިގެން ދާނެ އެވެ. މި ފިލްމު އަންނަ އަހަރުގެ ތެރޭގައި ރިލީޒް ކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ދަލިޕް، 66، ވަނީ "ގަޔާމަތު ސޭ ގަޔާމަތު ތަކް" އަދި "ބާޒީގަރު" ފަދަ ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ.

މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި އަކްޝޭ ކުމާރުގެ ފިލްމު "ޕެޑްމޭން" ޗައިނާގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ޗައިނާގައި ދައްކައިގެން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އިރު، "ޕެޑްމޭން" ޗައިނާގައި ދައްކަން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. މި ފިލްމަކީ އާރް ބަލްކީ ލިޔެ، ޑައިރެކްޓްކޮށް، އަކްޝޭއާ އެކު ރާދިކާ އަޕްޓޭ އާއި ސޯނަމް ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމެކެވެ.

"ޕެޑްމޭން" އަކީ އިންޑިއާގެ ރަށްފުށުގެ އަންހެނުންނަށް ސެނިޓަރީ ނެޕްކިން ހޯދަން ދިމާވެފައި އޮތް ދައްޗަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ޓަމިލް ނާޑޫގެ ރައްޔިތެއް ކަމަށްވާ އަރުނަޗަލަމް މުރުގަނަތަމް ސެނިޓަރީ ޕެޑް ތައްޔާރުކޮށް، އަންހެނުންނަށް ފޯރުކޮށް ދޭން ފެށި ނަމޫނާ މަސައްކަތަށް ބިނާކޮށް ހަދާފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުގައި އަރުނަޗަލަމްގެ ރޯލު ކުޅުނީ އަކްޝޭ އެވެ.

ދަރިންނަށް ވާހަކަތައް ކިޔައިދީ، ކިޔުންތެރި ކަމަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އަކްޝޭ ކުމާރުގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ބުނެފި އެވެ.

އަންހެން ދަރިފުޅު ނިތާރާ ފޮތް ހަރުގަނޑެއްގެ ކައިރީގައި ހުއްޓައި ނަގާފައިވާ ފޮޓޯއަކާ އެކު، ލިޔުންތެރިއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ ޓްވިންކަލް ބުނީ ކިޔުންތެރިކަން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް އެކަން ޝައުގުވެރި ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.

އެގޮތުން ކުދިން ފޮތް ކިޔާތޯ ކަށަވަރު ކުރުމާއި މަޖާ ގޮތަކަށް ދަރިންނާ އެކު ފޮތްތައް ކިޔުމާއި ލައިބްރަރީތަކަށް ދަރިން ގެންދިއުމަކީ ވެސް ކުރަން ޖެހޭ ކަންކަން ކަމަށް ބުންޏެވެ. އަދި ތިމާ އަމިއްލަ އަށް ވެސް ކިޔުންތެރި ކަމަށް ލޯބި ކުރަން ޖެހޭ ކަމަށް ދާދި ފަހުން "ޕިޖާމާސް އާ ފޮގިވިން" ގެ ނަމުގައި ތިން ވަނަ ފޮތެއް ނެރުނު ޓްވިންކަލް ބުންޏެވެ.