29 ނޮވެމްބަރ 2018 - 13:36

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށް ބުނެ އޮގަސްޓް، 2012 ގައި ވަޒީފާއިން ވަކިކުރި ހަމީދުގެ މައްސަލާގައި ސިވިލް ކޯޓުން ނިންމާފައި އޮތީ ހަމީދަށް އަލުން ވަޒީފާ ދިނުމަށެވެ. އެކަމަކު ހައި ކޯޓުން 2016 ގައި ވަނީ ހަމީދު ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ހަމީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އޭނާ ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ނުކުރާ ކަމަށް އެއްބަސްވެފަ އެވެ. ގަވާއިދު އޮންނަ ގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ކޮމިޝަނާ އޮފް ޕޮލިސްއަށް އެކަން ހުށަހަޅައި، ހޯމް މިނިސްޓަރަށް އެކަން ލިޔުމުން އަންގައިގެން ކަމަށާއި އެކަމަކު ހަމީދުގެ މައްސަލާގައި އެގޮތަށް އަމަލު ކޮށްފައި ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ހަމީދުގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ ހަމީދު ވަކިކުރަން ނިންމުމުގެ ކުރިން ޑިސިޕްލިނަރީ ބޯޑުން އޭނާގެ ބަސް ހޯދަން ޖެހޭ ކަމަށާއި ނަމަވެސް އެގޮތަށް އަމަލު ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، ހަމީދު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށް އަމުރުކޮށް ދިނުމަށް ސިރާޖް އެދިވަޑައިގަތެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
ސިއްރު މައުލޫމާތު ލީކްކުރި ކަމުގެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާ ކޮށްފައެއް ނުވެ އެވެ.