29 ނޮވެމްބަރ 2018 - 13:24

ދިރާގުގެ އާ ޗެއާމަނަކަށް އެ ކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، ދިރާގުގެ ޗެއާމަނަކަށް އިސްމާއިލް ވަހީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުން އަދި ބޯޑު ޑިރެކްޓަރުންނަށް ޕްރައިވެޓައިޒޭޝަން ބޯޑުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅުންނެވެ.
ދިރާގު އުފެދުނީއްސުރެ އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދެވި އިސްމާއިލް ވަހީދަކީ ދިރާގު ތަރައްގީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ އެެއް ބޭފުޅަކީ ވެސް އިސްމާއިލް ވަހީދެވެ. އަދި ދިރާގުގެ އިންޖިނިއަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
އޭނާ ވަނީ ދިރާގުގެ ސީއީއޯގެ މަގާމުގައި ފަސް އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މާޗް 21، 2007 ގަ އެވެ. އިސްމާއިލް ވަހީދު ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވީ އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް އިންޓަނޭޝަނަލްގެ އިސް ވަޒީފާ އަކަށް ވަޑައިގަތުމަށެވެ.