ވީއޭއެމް އަށް ފިޔަވަޅު އެޅުމަށް އޭސީސީން އަންގައިފި
ވީއޭއެމް އަށް ފިޔަވަޅު އެޅުމަށް އޭސީސީން އަންގައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެކޮޅަށް ހުށަހެޅި މައްސަލަައެއް ތަހުގީގުކުރި އިރު، އެ އެސޯސިއޭޝަނުގެ އިންތިހާބަށް އަސަރު ފޯރާ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ސްޕޯޓްސް ކޮމިޝަނަރަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.

މި އަހަރުގެ މާޗު މަހު ބޭއްވި ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބުގައި މަކަރު ހަފާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނަރު ވަނީ އެސޯސިއޭޝަނުގެ އިންތިހާބު ބާތިލްކޮށްފަ އެވެ. އެކަމަކު އެސޯސިއޭޝަނުން ވަނީ، އެސޯސިއޭޝަނުގެ ބެލެނިވެރިޔަކީ ހޯމް މިނިސްޓްރީ ކަމަށް ބުނެ އެ ނިންމުން ގަބޫލުނުކުރާނެ ކަމަށް އަންގައިފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ފާހަގަކުރައްވާފައިވާ ގޮތުގައި އިންތިހާބު ބާތިލްކުރި އެންމެ ބޮޑު ސަބަބަކީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެސޯސިއޭޝަނުން ކަނޑައެޅި 16 ކްލަބެއްގެ ތެރެއިން ފަސް ކްލަބެއް މެމްބަރުންގެ ގޮތުގައި ބެލޭނެ ހަމައެއް ނެތްއިރު ވެސް އެ ފަސް ކްލަބުން ވޯޓް ދީފައި އޮތުމެވެ. އެއީ ވަށަވަރު ސްޕޯޓްސް އެންޑް އެވެއާނަސް، ޔުނައިޓެޑް ޑިވެލޮޕްމަންޓް ސްޕޯޓްސް ކްލަބް، މޯލްޑިވްސް ސްޕޯޓްސް ޖޫނިއަ، ކްލަބް ތުރީސްޓާ އަދި މުލަކު ރިކްރިއޭޝަން ކްލަބެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށްފައިވަނީ، 2013 ވަނަ އަހަރުގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ޑިސެމްބަރު 15 ގައި ހަމަވިއިރު ބައިވެރިވެފައިވާ ފަސް ކްލަބް، ހޯމް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވަނީ ޑިސެމްބަރު 24 ގައި ކަމަށް ވާތީ އެ ފަސް ކްލަބް އެ މުބާރާތުގައި ބައިވެރިވިކަމަށް ބެލެވޭނެ ހަމައެއް ނޯންނާނެތީ އެ ފަސް ކްލަބަށް އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ވޮލީބޯޅަ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ އެސޯސިއޭޝަނުގެ އިންތިހާބެއްގައި ވޯޓު ދެވޭނީ ފުރިހަމަ މެމްބަރުންނަށް ކަމަށް ވާތީ އާއި ފުރިހަމަ މެމްބަރުންނަށް ވެވޭނީ އެކަމަށް ކަނޑައަޅާފައިވާ ރަޖިސްޓްރޭޝަން ފީ އާއި ފާއިތުވި އަހަރު ދުވަހު ފުރިހަމަ މެމްބަރުންގެ އަހަރީ ޗަންދާ ދެއްކުމުންނެވެ. އެކަމަކު އޭސީސީން ބެލިއިރު، ގަވާއިދާ އެއްގޮތަށް ޗަންދާ ދެއްކި ކަމަށް ޔަގީންނުވާ ބައެއް ކްލަބްތަކުން އިންތިހާބުގައި ވޯޓްލާފައިވުމުން އިންތިހާބުގެ ނަތީޖާއަށް އަސަރުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ޖަމިއްޔާތަކުގެ ގާނޫނުގެ 26 ވަނަ މާއްދާ އާއި ޖަމިއްޔާތަކުގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވޮލީބޯޅަ އެސޯސިއޭޝަނަށް 2013، 2014 އަދި 2015 ވަނަ އަހަރު ލިބުނު އާމްދަނީ އާއި ފައިސާގެ ތަފްސީލްތައް އެނގޭނެ މާލީ ރިޕޯޓް ވެސް ތައްޔާރުކޮށްފައި ނުވާ ކަމަށް އޭސީސީން ބުނެ އެވެ.

އެހެންވެ ރާއްޖޭގެ ކުޅިވަރު ގާނޫނުގެ ހަ ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ކޮމިޝަނަ އޮފް ސްޕޯޓްސް ކަމަށް ވާތީ، ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް މައްސަލަ ފޮނުވަން ވަނީ ނިންމާފަ އެވެ.