ލަންކާ ބޮޑު ވަޒީރުގެ އޮފީހަށް ޚަރަދު ކުރުން ހުއްޓާލަން ޕާލަމެންޓުން ފާސްކޮށްފި
ލަންކާ ބޮޑު ވަޒީރުގެ އޮފީހަށް ޚަރަދު ކުރުން ހުއްޓާލަން ޕާލަމެންޓުން ފާސްކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 29) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ އޮފީހަށް ޚަރަދު ކުރުން ވަގުތީ ގޮތުން ހުއްޓާލަން ޕާލަމެންޓަށް ހުށަހެޅި މައްސަލަ މިއަދު ފާސްކޮށްފި އެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ހުށަހެޅި މައްސަލަ ފާސްކޮށްފައި ވަނީ 123 މެންބަރުންގެ ތާއީދާ އެކު އެވެ. ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މިއަދު ވެސް ޕާލަމެންޓަށް ހާޒިރުވެފައެއް ނުވެ އެވެ.

މައްސަލަ ހުށަހެޅީ ޔޫއެންއެފްގެ މެންބަރު ރަވީ ކަރުނަނަޔަކަ އެވެ. ތާއީދުކުރީ އެ ޕާޓީގެ މެންބަރު ނަވިން ޑިސަނަކަ އެވެ.

ޕާލަމެންޓަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައި ވަނީ ބޮޑު ވަޒީރު ކަމަށް އައްޔަންކޮށްފައިވާ މަހިންދާ ރާޖަޕަކްސާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފައިވާއިރު މިހާރު އޮތީ ޕާލަމެންޓުގެ އިތުބާރު އޮތް ސަރުކާރެއް ނޫން ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ފައިސާ ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވާ ފަރާތަކީ ޕާލަމެންޓް ކަމަށްވާއިރު ބޮޑު ވަޒީރުގެ ސެކްރެޓަރީ އަކީ ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދެވޭނެ ފަރާތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.