29 ނޮވެމްބަރ 2018 - 12:47

ސްޓޮކްހޯމް (ނޮވެމްބަރު 29) - އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ކޮޅު ސްވިޑަންގެ ސްޓޮކްހޯމް ގެ އާލަންޑާ އެއާޕޯޓުގެ އިމާރާތެއްގައި ރޭ ޖެހިއްޖެ އެވެ.
އެއާޕޯޓުގެ ގޭޓާ ދިމާލަށް ބޯޓު ޓެކްސީ ކުރަނިކޮށް ހިނގި މި ހާދިސާގައި ބޯޓުގައި ތިބި 179 ޕަސިންޖަރުންގެ ތެރޭން އެކަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
"ބޯޓުގައި ތިބި 179 ޕަސިންޖަރުން ވަނީ މޯބައިލް ސިޑިއަކުން ބޯޓުން ބާލާފައި. އޭގެ ފަހުން އެ މީހުން ވަނީ ޓާމިނަލަށް ގެންގޮސްފައި،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށް ފުލުހުން ބުންޏެވެ. ހާދިސާ ހިނގާފައި ވަނީ އިންޓަނޭޝަނަލް ފްލައިޓްތަކުގެ މައި ޓާމިނަލް ކަމަށްވާ ޓާމިނަލް 5 އާ 50 މީޓަރު ދުރުންނެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ކާރުތަކާއި އަލިފާން ނިއްވާ ޓްރަކްތައް ވަނީ އެއާ އިންޑިއާގެ ބޯޓު ކައިރީ ޕާކްކޮށްފަ އެވެ.