01 ޑިސެމްބަރ 2018 - 09:07

މި އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އަންދާދުން" ކުޅުނީ އެ ފިލްމުގެ ޑައިރެކްޓަރު ސްރީރާމް ރަގްވަންއާ އެކު މަސައްކަތްކޮށްލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ކަމަށް ބަތަލާ ތައްބޫ ބުނެފި އެވެ.
"އަންދާދުން" އަކީ ސަސްޕެންސް ތުރިލާތައް ހަދަން ކުޅަދާނަ ޑައިރެކްޓަރު، ތައްބޫ އާއި އަޔޫޝްމަން ކުރާނާ އަދި ރާދިކާ އަޕްޓޭ ލީޑް ރޯލަށް ލައިގެން ގެނެސް ދިން ވަރަށް ކާމިޔާބު ފިލްމެވެ. މި ފިލްގައި ތައްބޫ ކުޅެފައި ވަނީ ރާވައިގެން ފިރިމީހާ މަރައިލި ކަމަށް ތުހުމަތު ކުރެވޭ ސިއްރުން ފުރިގެންވާ އަންބެއްގެ ރޯލެވެ.
އެ ރޯލާ ބެހޭ ގޮތުން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ 47 އަހަރުގެ ބަތަލާ ބުނީ އެއީ އެކްޓަރެއްގެ ގޮތުގައި މުޅިން ތަފާތު ތަޖުރިބާއެއްކޮށްލަން ލިބުނު ކެރެކްޓާއެއް ކަމަށެވެ. އަދި ސްރީރާމް ފިލްމު ހުށަހަޅައި ދީފައި އޮތްލެއް ވަރަށް ޝައުގުވެރި ކަމަށް ވެސް ބުންޏެވެ.
"ސްރީރާމްއަކީ އަހަރެން އެކުގައި މަސައްކަތްކޮށްލަން އެންމެ ބޭނުންވެފައި ހުރި އެއް ޑައިރެކްޓަރު. އެހެންވެ ހަގީގަތުގައި އަންދާދުން އަށް އެއްބަސްވި މައިގަނޑު ސަބަބަކީ،" ތައްބޫ ބުންޏެވެ.
"އަހަންނަށް އެނގޭ ސްރީރާމްގެ ފިލްމެއް ނަމަ ފިލްމު މޮޅުވާނެކަން. އަނެއްކާ އޭނާއާ އެކު މަސައްކަތްކޮށްލުމަކީ މުޅިން ތަފާތު ތަޖުރިބާއެއް."
މިދިޔަ އަހަރު ރިލީޒް ކުރި "ގޯލްމާލް އެގެއިން" ގެ ބަތަލާ ބުނި ގޮތުގައި ލޯބީގެ ފިލްމުތަކަށް ވުރެ އޭނާ ގަޔާވަނީ ތަންކޮޅެއް ޑާކް ސްޓައިލްގެ ފިލްމުތަކަށެވެ. އެގޮތުން ގްރޭ ޝޭޑްސް ހިމެނޭ ކެރެކްޓާތައް ކުޅެން ވަރަށް ގަޔާވާ ކަމަށާއި އެކަން ވަރަށް ޝައުގުވެރި ކަމަށް ވެސް ބުންޏެވެ.
"އެހެންވެ ތަންކޮޅެއް އާދަޔާހިލާފު ކަމެއް ހުންނަ ކެރެކްޓާއެއް ކުޅެން ލިބިއްޖެއްޔާ އަހަރެން ނޫނެކޭ ނުބުނާނަން،" ތައްބޫ ބުންޏެވެ.
"ތަފާތު އެކި ކަހަލަ ކެރެކްޓާތަކަށް ވަރަށް ދަހިވެތި ބަތަލާއެއް އަހަންނަކީ."
އޭނާ މިހާރު އަންނަނީ ސަލްމާން ހާނާ އެކު، ފިލްމު "ބާރަތު" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.