އާ ލިޔުންތެރިން ބޭނުން، ރަނގަޅު އުޖޫރައެއް ވެސް މުހިއްމު: އާމިރު ހާން
އާ ލިޔުންތެރިން ބޭނުން، ރަނގަޅު އުޖޫރައެއް ވެސް މުހިއްމު: އާމިރު ހާން

އިންޑިއާގައި މިހާރު ވަރަށް ތަފާތު ކޮންޓެންޓްތަކަށް ފިލްމުތައް ހަދަމުން އަންނާތީ އެއީ ބޮޑު ހިވްވަރެއް ކަމަށާއި އާ ލިޔުންތެރިން ވެސް މި ދާއިރާ އަށް ބޭނުންވާ އިރު އެކަން ކުރެވޭނީ ލިޔުންތެރިންގެ އަގު ވެސް މިހާރަށް ވުރެ ބޮޑަށް ވަޒަންކޮށްގެން ކަމަށް މަޝްހޫރު އެކްޓަރު އާމިރު ހާން ބުނެފި އެވެ.

"ސިނެސްތާން އިންޑިއާ ސްޓޯރީޓެލާ ސްކްރިޕްޓް ކޮންޓެސްޓް 2018" ނިންމަން ބޭއްވި ހަފުލާގައި 53 އަހަރުގެ އެކްޓަރު ބުނީ މޮޅެތި ފިލްމުތަކެއް އަދި ތަފާތު އެކި ކަހަލަ ވާހަކަތައް ކިޔައިދޭ ފިލްމުތައް އިންޑިއާގެ ސިނަމާ އަށް ގެންނަން ބޭނުންވާ ނަމަ އެންމެ މުހިއްމު ބަޔަކީ އާ ލިޔުންތެރިން ކަމަށެވެ.

"އެހެންވެ އެބަ ޖެހޭ އާ ވިސްނުންތަކެއް. ޒުވާނުން ލިޔުންތެރިކަމުގެ ތެރެއަށް ނެރެން. އޭރުން މުސްތަގުބަލު ވެސް އޮންނާނީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އާމިރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސްކްރީންޕްލޭއަކީ ފިލްމެއްގެ ހިތް ކަމަށްވާ އިރު، ވަރުގަދަ އަދި މޮޅެތި ލިޔުންތެރިންގެ އެހީއާ ނުލައި މޮޅު އަދި ފުރިހަމަ ފިލްމެއް ނެހެދޭނެ އެވެ. އެހެންވެ ސްކްރީން ރައިޓަރުން އުފައްދަން އަދި މިކަމަށް ހިތްވަރު ދޭން ތަފާތު މުބާރާތްތައް ވެސް އިންތިޒާމު ކުރުން މުހިއްމު ކަމަށް ބުންޏެވެ.

އާމިރު ބުނީ ރަނގަޅު ލިޔުންތެރިން އުފެއްދޭނީ އެ މީހުން ކުރާ މަސައްކަތުގެ އަގު ވެސް މިހާރަށް ވުރެ ބޮޑަށް ވަޒަން ކުރެވިގެން ކަމަށެވެ. އެގޮތުން ލިޔުންތެރިން ކުރާ މަސައްކަތަށް ރަނގަޅު އަދި ހިތްހަމަޖެހޭ ވަރުގެ އުޖޫރައެއް ލިބުން މުހިއްމު ކަމަށް ބުންޏެވެ.

ވަކިން ހާއްސަކޮށް ހިންދީ ފިލްމުތައް ހަދާ ބޮލީވުޑަކީ ލިޔުންތެރިންނަށް ދެވޭ ދަރަޖަ ތަންކޮޅެއް ފަހަތުގައި އޮންނަ އިންޑަސްޓްރީއެކެވެ. އެކަމަކު ވާހަކަތައް ކިޔައިދޭ ފްލެޓްފޯމްތައް އިތުރަމުން ދިއުމާއި ތަފާތު އެކި ކަހަލަ ވާހަކަތަކަށް ފިލްމު ހަދަން މިހާރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ބިރު ކަނޑާލައިފައި ނުކުންނާތީ ލިޔުންތެރިންނަށް އިންޑިއާގެ ކުރިމަގު ވަރަށް ބޮޑަށް އޮތް ކަމަށް އާމިރު ބުންޏެވެ.

"އެހެންވެ ކުރިއަށް އޮތް ތަނުގައި ލިޔުންތެރިންނަށް ރަނގަޅު އަގެއް ލިބޭނެ ގޮތްތަކެއް ހޯދަން އަހަރެމެން އެންމެން ގުޅިގެން މަގުފަހިކޮށް ދޭން ޖެހޭ،" މި މަހު ރިލީޒް ކުރި ފްލޮޕް ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ އެކްޓަރު ބުންޏެވެ.

"އަހަރެން ހަމަ ޔަގީނުން ވެސް އެކަމަށް މަސައްކަތްކޮށް ދޭނަން."

"ސިނެސްތާން އިންޑިއާ ސްޓޯރީޓެލާ ސްކްރިޕްޓް ކޮންޓެސްޓް 2018" ގެ އެއް ވަނަ މި ފަހަރު ގެންދިޔައީ ކްރިސްޓޯ ޓޯމީ ކިޔާ މީހެކެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 25 ލައްކަ ރުޕީސް ދީފައިވެ އެވެ.