ނާސާގައި ޝާހްރުކް އެސްޓްރޮނޯޓެއްގެ ތަމްރީން ހަދަނީ
ނާސާގައި ޝާހްރުކް އެސްޓްރޮނޯޓެއްގެ ތަމްރީން ހަދަނީ

އަންނަ ފެބުރުއަރީ މަހު ޝޫޓިން ފަށާ ފިލްމު "ސާރާ ޖަހާ ސެ އައްޗާ" ގައި އެސްޓްރޮނޯޓެއްގެ ރޯލް ކުޅެން ޝާހްރުކް ހާން ތައްޔާރުވުމުގެ ގޮތުން ގޮތުން އެމެރިކާގައި ވަރުގަދަ ޓްރޭނިންތަކެއް ހަދަން ނިންމައިފި އެވެ.

ނާސާގައި ޝާހްރުކް އެސްޓްރޮނޯޓެއްގެ ތަމްރީން ހަދަނީ
ނާސާގައި ޝާހްރުކް އެސްޓްރޮނޯޓެއްގެ ތަމްރީން ހަދަނީ

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި 53 އަހަރުގެ އެކްޓަރު ޓްރޭނިން އަށް އެމެރިކާ އަށް ފުރާނީ އޭނާގެ އާ ފިިލްމު "ޒީރޯ" އަންނަ މަހުގެ 21 ގައި ރިލީޒް ކުރުމަށް ފަހު އެވެ. އަދި އެމެރިކާގެ ޓްރޭނިންގެ ބޮޑު ބައެއް ކުރިއަށް ދާނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގަ އެވެ.

ޝާހްރުކް ވަނީ ކުރިން ވެސް ދެ ފިލްމެއްގެ މަންޒަރުތަކެއް ނާސާގައި ނަގައިފަ އެވެ. އެއީ އޭނާ ޑްވާފެއްގެ ރޯލުން ފެނިގެންދާ "ޒީރޯ" ގެ އިތުރުން 2004 ގެ ފިލްމު "ސްވަދޭސް" ގަ އެވެ. އެހެންވެ ނާސާއަކީ ޝާހްރުކަށް ބީރައްޓެހި ތަނަކަށް ނުވާނެ އެވެ.

"ސާރާ ޖަހާ ސެ އައްޗާ" އަކީ މިހާރު އުމުރުން 69 އަހަރުގެ އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ އެވެ. އަންޖުމް ރާޖަބަލީގެ ސްކްރީންޕްލޭއަކަށް ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ މަހޭޝް މަތާއީ އެވެ. މި ފިލްމުވެގެން ދާނީ ޝާހްރުކް ޖުޅޭ ފުރަތަމަ ބައޮޕިކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކްއާ އެކު މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ބޫމީ ޕެޑްނޭކަރް އެވެ.

"ސާރާ ޖަހާ ސެ އައްޗާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ "ޒީރޯ" އަކީ ޝާހްރުކްއާ އެކު އަނުޝްކާ ޝަރުމާ އާއި ކެޓްރީނާ ކެއިފް ބަތަލާގެ ރޯލުން ފެނިގެން ދާނެ ފިލްމެކެވެ.

ޝާހްރުކް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި އިމްތިއާޒު އަލީގެ ފްލޮޕް ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" އިންނެވެ.