ބިޑަށް ނުލައި ދޫކުރާ ރަށްތަކާއި ފަޅުތައް ވިއްކާ އަގުތައް އިއުލާންކޮށްފި
ބިޑަށް ނުލައި ދޫކުރާ ރަށްތަކާއި ފަޅުތައް ވިއްކާ އަގުތައް އިއުލާންކޮށްފި

ބީލަމަށް ނުލައި ރިސޯޓް ހަދަން ފަޅުރަށްތަކާއި ފަޅުތައް ވިއްކާނެ އަގުތައް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ޏ. އަތޮޅު އަދި ސ. އަތޮޅުން ރަށެއް ވިއްކަނީ ހެކްޓަރެއް 125،000 ޑޮލަރުގެ ރޭޓުންނެވެ. އަދި އެ އަތޮޅުތަކުން 10 ހެކްޓަރުގެ ރަށެއް ވިއްކަނީ 1،250،000 ޑޮލަރަށެވެ. އެ ސައިޒުގެ ރަށެއްގައި ގާތްގަނޑަކަށް 100 އެނދު ރިސޯޓެއް ހެދޭނެ ކަމަށްވެ އެވެ.

އެ ހަތް އަތޮޅުގައި ރިސޯޓް ހަދަން ޕްރީމިއަމްގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހެ އެވެ. ނަމަވެސް އެހެން އަތޮޅުތަކުން ރަށެއް ނަގާ ނަމަ ޕްރީމިއަމްގެ ގޮތުގައި 250،000 ޑޮލަރާއި 600،000 ޑޮލަރާ ދެމެދުގެ އަގެއް ނަގަ އެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިއުލާންކުރި ރޭޓުތައް ދައްކާ ގޮތުން ތ. އަތޮޅުން ރިސޯޓް ހަދަން 10 ހެކްޓަރުގެ ރަށެއް 2.7 މިލިއަން ޑޮލަރަށް ލިބެ އެވެ. އަދި ދ. އަތޮޅުން 3.3 މިލިއަން ޑޮލަރަށް ލިބޭއިރު ނ. އަތޮޅާއި ފ. އަދި މ. އަތޮޅުން ރަށެއް ލިބެނީ 3.8 މިލިއަން ޑޮލަރަށެވެ. އޭގެ އިތުރުން ރ. އަތޮޅާއި ވ. އަތޮޅުން ރަށެއް 4.9 މިލިއަން ޑޮލަރަށް ލިބޭއިރު ބ. ޅ. އދ. އަތޮޅުން ރަށެއް ލިބެނީ 5.5 މިލިއަން ޑޮލަރަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރި ރޭޓުތައް ދައްކާ ގޮތުން އެންމެ އަގު ބޮޑުކޮށް ރަށް ވިއްކަނީ މާލެ އަތޮޅާއި އދ. އަތޮޅުންނެވެ. މާލެ އަތޮޅުން 10 ހެކްޓަރުގެ ރަށެއް 6.6 މިލިއަން ޑޮލަރަށް ވިއްކާއިރު އދ. އަތޮޅުން ރަށެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 5.7 މިލިއަން ޑޮލަރަށެވެ.

އެ ރޭޓްތައް ދައްކާ ގޮތުން ހއ، ހދ، ގއ، ގދ، ޏ، އަދި ސ އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 150،000 ޑޮލަރުގެ ރޭޓުންނެވެ. ށ. އަތޮޅުން ފަޅެއް ގަންނައިރު ޕްރީމިއަމްގެ ގޮތުގައި 100،000 ޑޮލަރު ދައްކަން ޖެހެ އެވެ.

މި އުސޫލްގެ ދަށުން ތަފާތު ހަތަރު ސައިޒެއްގެ ފަޅު ވިއްކުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން 15 ހެކްޓަރާއި 50 ހެކްޓަރާ ދެމެދުގެ ސައިޒުގެ ފަޅު ވިޔަފާރިވެރިންނަށް މިހާރު ގަނެވޭނެ އެވެ.

އެންމެ އަގުބޮޑުކޮށް ފަޅު ވިއްކަނީ މާލެ އަތޮޅާއި އއ. އަދި އދ. އަތޮޅުންނެވެ. މާލެ އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 500،000 ޑޮލަރަށެވެ. އަދި އއ. އަތޮޅާއި އދ. އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 450،000 ޑޮލަރަށެވެ.

މާލެ އަތޮޅުން 15 ހެކްޓަރުގެ ފަޅެއް ގަނެވޭނީ 20 މިލިއަން ޑޮލަރު (319.57 މިލިއަން ރުފިޔާ) އަށެވެ. އޭގެ އިތުރުން 25 ހެކްޓަރުގެ ފަޅެއް 30.8 މިލިއަން ޑޮލަރަށް، 35 ހެކްޓަރުގެ ފަޅެއް 41 މިލިއަން ޑޮލަރަށް އަދި 50 ހެކްޓަރުގެ ފަޅެއް 51.2 މިލިއަން ޑޮލަރަށް ވިއްކާނެ އެވެ.

ޓޫރިޒަމް ގާނޫނުގެ ދަށުން ރަށްތަކާއި ފަޅުތައް ވިއްކާ އަގުތައް އިއުލާންކުރި ނަމަވެސް މި އަހަރު ވިއްކަން ހަމަޖެހިފައިވާ ރަށްތައް އަދި އިއުލާނެއް ނުކުރެ އެވެ. ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު ދޫކުރާނެ ރަށްތަކާއި ފަޅުތަކާއި ބިމާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސް އޮފީހުގެ މަޝްވަރާގެ މަތިން، ޓޫރިޒަމް މިނިސްޓްރީން ކޮންމެ އަހަރެއް ފެށުމާ އެކު ގެޒެޓްގައި އިއުލާން ކުރަން ޖެހެ އެވެ.