17 އޯގަސްޓް 2016 - 06:40

ދިވެހި ފިލްމް "ނިއުމާ" ބެލި މީހުންނަށް މިއީ ވަރަށް އުފާވެރި ހަބަރަކަށް ވެދާނެ އެވެ.
އެ ފިލްމުގެ ޓައިޓްލް ރޯލް ކުޅެ، ފިލްމް ޑައިރެކްޓް ކުރި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ދެވަނަ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.
ނިއުމާ ބުނީ ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
"ދެވަނަ ޑައިރެކްޝަނަކަށް މިހާރު މި ތައްޔާރު ވަނީ. އަނެއްކާ ވެސް ބެލުންތެރިންނަށް ކަމުދާ ކަހަލަ ފިލްމެއް ގެނެސް ދެވޭތޯ ބަލާނަން. ފިލްމްގެ ސްކްރީންޕްލޭ މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައި،" ފަތިސް ހަނދުވަރާއި ޔޫސުފް އަދި ކަލާޔާ ނުލާ ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ކޮމެޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސް ކުރި "ނިއުމާ" އަކީ 2010 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހެދި އެ ފިލްމުގެ ސްކްރީންޕްލޭ ލިއުނީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ބިންމާ އިބްރާހީމް ވަހީދެވެ.
ނިއުމާ ޑައިރެކްޓް ކުރާ ދެވަނަ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އޭނާ އަދި ދޭކަށް ބޭނުމެއް ނޫނެވެ. އެހެންވެ އިންތިޒާރުކޮށްލަން ޖެހެނީ އަންނަ އޮކްޓޯބަރު މަހަށެވެ. ފިލްމުން ނިއުމާ ފެންނާނެތޯ އެއީ ވެސް ފޭނުން ބަލާލަން ބޭނުން ވާނެ ކަމެކެވެ.
"ނިއުމާ" އަށް އޭނާ ބޯ ވެސް ބޭލި އެވެ. އަދި "ނިއުމާ" ގެ ޑައިރެކްޝަން އޭނާ ހެދީ ރާއްޖޭގެ ރެކޯޑް އަގަކަށެވެ.
އޮކްޓޯބަރު މަހު ރިލީޒް ކުރާ ނިއުމާގެ ވީސީޑީ "ސެލެބްރޭޓިން 20" ގެ ހަފުލާގައި ދެވަނަ ޑައިރެކްޝަނާއި އިތުރު ސަޕްރައިޒެއް އޮތްކަން އިއުލާންކޮށް، އޭގެ ތަފުސީލުތައް ދޭނެ ކަމަށް ނިއުމާ ބުންޏެވެ.
ނިއުމާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު އަލީ ސީޒަން ގެނެސް ދިން "އަހްޝަމް" އިންނެވެ. އެކަމަކު އެއީ ހާއްސަ ފެނިލުމަކުންނެވެ.
"ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރުގައި މިހާރު މި އުޅެވެނީ. ހާއްސަކޮށް ފިލްމް ކުޅުމާ،" މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ވައިސް ޗެއާޕާސަންގެ މަގާމު ވެސް ފުރި ނިއުމާ ބުންޏެވެ. "އެކަމަކު ބޭނުންވޭ އަބަދު ވެސް މި ދާއިރާގެ ކޮންމެވެސް ކަމެއްގައި އުޅެން. އެހެންވެ ތަފާތު މަސައްކަތްތައް ކުރަން ބޭނުން ވަނީ."
ނިއުމާ މިހާރު އަންނަނީ ފިލްމެއް ޕްރޮޑިއުސް ވެސް ކުރަމުންނެވެ. އެއީ "އިންސާފު" ގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީއު އާ ގުޅިގެން ޕްރޮޑިއުސް ކުރާ ކޮމެޑީ ފިލްމް "ބައިވެރިޔާ" އެވެ.
"އެ ފިލްމުގެ ޝޫޓިން ވެސް މިހާރު ގާތްގަނޑަކަށް މިހާރު ވަނީ ނިމިފައި،" އަންނަ މަހު ރިލީޒް ކުރަން ޕްލޭންކޮށްފައިވާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
ނިއުމާގެ ތިން ފިލްމެއް އަދި ރިލީޒް ވެސް ނުވެ އެބަ އޮތެވެ. އެއީ މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި އިބްރާހީމް ވިޝާން (ކަނޑި) ޑައިރެކްޓް ކުރާ "ވީބޭވަފާ" އާއި އަޖްނާޒް އަލީ ޑައިރެކްޓް ކުރާ "މާޔޫސް" ގެ އިތުރުން ހަތަރު ސެގްމަންޓް ހިމެނޭ "ހަތަރު ހަޅަ" އެވެ.
އެ ފިލްމުގައި ނިއުމާގެ ސެގްމަންޓަކީ މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ "ބައިވެރިޔާ" އެވެ.
"ވަރަށް ދެރަ އެ ފިލްމްތައް ރިލީޒް ނުވެ އެހާ ދުވަސްވެގެން ގޮސްފައި އޮތީމަ،" ނިއުމާ ބުންޏެވެ.